ކުޅުދުއްފުށި ސިޓީ ހިމެނޭހެން ރާއްޖޭގެ 7 ރަށެއްގައި ގާއިމުކޮށްފައިވާ 11 މެގަވޮޓްގެ ސޯލާ ޕީވީ ނިޒާމު ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މި މަޝްރޫޢުގެ ދަށުން ސޯލާ ޕީވީ ނިޒާމުތައް ގާއިމުކޮށްފައިވަނީ ކުޅުދުއްފުށި ސިޓީ، ބ. އޭދަފުށި، ޅ. ހިންނަވަރު، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ، އަދި އައްޑޫ ސިޓީގެ ހުޅުދޫ އާއި މީދޫގައެވެ.
މި ރަށްތަކުގައި ސޯލާ ނިޒާމުގެ އިތުރުން، ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމާއި ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތްވެސް ވަކި އީ.ޕީ.ސީ ކޮންޓްރެކްޓްތަކެއްގެ ދަށުން ކުރިއަށްދާ ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވި ގޮތުގައި، ”ޕަވަރ ޕަރޗޭސް އެގްރީމަންޓް“ގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއުގެ މަސައްކަތްތައް މިހާރު ހުރީ އޮޕަރޭޝަނަށް ގެނައުމުގެ އެންމެ ފަހުގެ މަރުހަލާގައެވެ. މި އިންވެސްޓްމަންޓްތަކަކީ އެ ވުޒާރާއިން ތަންފީޒުކުރަމުންދާ ”އެސްޕަޔަރ“ އަދި ”އެރައިޒް“ މަޝްރޫއުގެ ބައެކެވެ. މި މަޝްރޫއުތަކުގެ މައިގަނޑު މަގްސަދަކީ ކަރަންޓު އުފެއްދުމަށް ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް މަދުކުރުމެވެ.
މީގެ އިތުރުން، ސަރުކާރުން ހިންގާ ”ޕޮއިސްޑް“ މަޝްރޫއުގެ ދަށުން މިހާތަނަށް 100 އަށްވުރެ ގިނަ ރަށުގައި ސޯލާ ޑީސަލް-ބެޓަރީ ހައިބްރިޑް ނިޒާމު ވަނީ ގާއިމުކޮށްފައެވެ. މި މަޝްރޫއުތަކުގެ ދުރު ރާސްތާ އަމާޒަކީ ރާއްޖޭގެ 21 ރަށެއްގައި ޖުމްލަ 43 މެގަވޮޓްގެ ސޯލާ ޕީވީ އާއި 40 މެގަވޮޓް އަވަރގެ ބެޓަރީ ސްޓޯރޭޖް ގާއިމުކުރުމެވެ.
މި ހުރިހާ މަސައްކަތްތަކަކީ 2028 ވަނަ އަހަރާ ހަމައަށްދާއިރު ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅު ފުއްދުމަށް އެޅޭ މުހިންމު ބިންގަލެއް ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ފާހަގަކުރައްވައެވެ.




