އއ. ހިމަންދޫ ސިއްހީ މަރުކަޒުގައި ލެބޯޓަރީގެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
މި ހިދުމަތް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ.
މި ހިދުމަތް ފެށުމަށް މިއަދު ހިމަންދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ އިސްވެރިންނާއި، ހިމަންދޫ ކައުންސިލްގެ މެންބަރުންގެ އިތުރުން ސިއްހީ މަރުކަޒުގެ އިސް މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.
ހިދުމަތް ފައްޓަވައިދެއްވުމަށްފަހު މިނިސްޓަރު ވަނީ ސިއްހީ މަރުކަޒުގެ އެސްއެމްޓީއާ ބައްދަލުކުރައްވައި، މަރުކަޒަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ދަތިތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމާ އެއްގޮތަށް، މި އަހަރުގެ ތެރޭގައި 76 ރަށެއްގައި ލެބޯޓަރީގެ ހިދުމަތް ގާއިމުކުރުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން ހިމަންދޫއަކީ މި މަޝްރޫއުގެ ދަށުން މިހާތަނަށް ހިދުމަތް ގާއިމުކުރެވުނު 12 ވަނަ ރަށް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
”އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، ރައީސުލްޖުމްހޫރުއްޔާ ޑރ. މުހައްމަދު މުޢިއްޒު އެންގެވި ގޮތަށް މިހާތަނަށް ލެބޯޓަރީގެ ޚިދުމަތް ޤާއިމްކުރެވިފަ ނެތް ރަށްރަށުގައި ވީހާވެސް އަވަހަކަށް މި ޚިދުމަތް ޤާއިމްކޮށް ނިންމާލުމަށް،“ މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން އިރާދަކުރެއްވިއްޔާ ބާކީ ހުރި ހުރިހާ ރަށެއްގައިވެސް މިއަހަރު ތެރޭގައި މި ހިދުމަތް ގާއިމުކޮށް ނިންމުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.




