މިއަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމަށް ބާއްވާ ރަސްމީ ޖަލްސާ މިރޭ 8:30 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
ހަނދު ބެލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެހެން އަހަރުތަކުގައިވެސް އަމަލުކުރަމުންދާ އުސޫލުގެ ތެރެއިންނެވެ.
އެގޮތުން ހަނދު ފެނުނު ކަމަށް ހެކިބަސް ދިނުމުގެ އިންތިޒާމްތައް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިހާރު ވަނީ ހަމަޖައްސާފައެވެ.
ޑީޖޭއޭއިން ވިދާޅުވި ގޮތުގައި، ޝައްވާލް މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް ދޭންވާނީ މާލޭގައި ނަމަ ކޯޓެއްގެ ގާޒީއެއްގެ ކުރިފުޅުމަތީގައެވެ. އަދި އަތޮޅުތަކުގައި ނަމަ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅުމަތީގައެވެ. މެޖިސްޓްރޭޓަކު ނެތް ރަށެއް ނަމަ، އެ ވަގުތަކު އެ ކޯޓަކާ ހަވާލުވެ ހުންނެވި މެޖިސްޓްރޭޓެއްގެ ކުރިފުޅުމަތީގައި ހެކިބަސް ދެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
ހަނދުގެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން، ރަމަޟާން މަހުގެ 29 ވާ މިއަދު ހަވީރު 5:30 އިން ފެށިގެން ޑީޖޭއޭ އާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ އިތުރުން ކައުންސިލް އިދާރާތައް ހުޅުވާފައި ހުންނާނެ ކަމަށް އެ ޑިޕާޓްމަންޓުން މައުލޫމާތުދެއެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ފިތުރު އީދު ދުވަހަކީ މި މަހުގެ 20 ވާ ހުކުރު ދުވަހެވެ.




