އީރާނުން އިސްރާއީލަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 14 އަށް އަރައިފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އިސްރާއީލުން އީރާނާއި ލުބުނާނަށް ވަރުގަދަ ހަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްގައި، ރޭ ދިން މި ހަމަލާތަކުގެ ސަބަބުން މުޅި ސަރަހައްދުގައި ނުރައްކަލުގެ ސައިރަން އަޅާފައިވާ އިރު، އިސްރާއީލުގެ މެދުތެރޭގެ އެކި ސަރަހައްދުތަކަށް މިސައިލްތައް އަމާޒުވެފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
އިސްރާއީލު ފުލުހުންގެ ތަރުޖަމާނު ޑީން އެލްސްޑަން ބުނި ގޮތުގައި، ތެލް އަވީވްގެ ބޭރުގައި އޮންނަ ރާމަތު ގަންގެ މީހުން ދިރިއުޅޭ އިމާރާތަކަށް ވަނީ ”ކްލަސްޓަ ބޮމެއް“ އަރާފައެވެ. ކްލަސްޓަ މިއުނިޝަން އަކީ ވައިގެ ތެރޭގައި ގޮވައި، ބޮޑު ސަރަހައްދަކަށް ކުދި ބޮންތަކެއް ބުރައިގެންދާ ގޮތަށް ފަރުމާކޮށްފައިވާ ނުރައްކާތެރި ހަތިޔާރެކެވެ. މީގެ ކުރިން ވެސް އީރާނާއި އިސްރާއީލުން ވަނީ އެއް ގައުމު އަނެއް ގައުމަށް މިފަދަ ހަތިޔާރު ބޭނުންކުރާ ކަމުގެ ތުހުމަތުކޮށްފައެވެ.
”މި ހަމަލާގައި ދުވަސްވީ ދެމަފިރިއަކު ތިބި ކޮޓަރީގެ ފުރާޅު ވަނީ އެ މީހުންގެ ބޯމައްޗަށް ވެއްޓިފައި. ނުރައްކަލުގެ ސައިރަން އެޅުމުން ވެސް އެ މީހުން ސޭފް ރޫމަށް ވަދެފައި ނުވާތީ މި ހާދިސާ ހިނގަން މެދުވެރިވީ، އެ ދެމީހުންވެސް ވަނީ މި ހާދިސާގައި މަރުވެފައި“ ހަމަލާގައި ހިނގި ހާދިސާއެއް ހިއްސާކުރަމުން އެލްސްޑަން ބުންޏެވެ.
އެ ސަރަހައްދުގައި ދިރިއުޅޭ އުމަރު ނަމަކަށް ކިޔާ މީހަކު ކިޔައިދިން ގޮތުގައި، ގާތްގާތުގައި ވަރުގަދަ ގޮވުންތަކެއްގެ އަޑު އިވުނެވެ. އޭނާ ބުނީ އެއީ ހަމައެކަނި އެއް ގޮވުން ނޫން ކަމަށާއި، އެއީ ވައިގެ ތެރޭގައި ބައިބައިވެގެންދާ މިސައިލެއްގެ ސަބަބުން އިވުނު އަޑުތަކެއް ކަމަށެވެ.
އިސްރާއީލުގެ މެޑިކަލް ޓީމުން ބުނީ މި ހަމަލާގެ ސަބަބުން އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ބިއްލޫރިތައް ތަޅައިގެން ގޮސްފައިވާ އިރު، އެތަން ތަނުން ދުން އަރަމުންދާ ތަން ފެނުނު ކަމަށެވެ.



