ށ. އަތޮޅު ބިލެތްފަހި އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
މި މަޝްރޫޢަކީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ބިލެތްފަހި އެއާޕޯޓް ތަރައްޤީކޮށް އޮޕަރޭޓްކުރުމަށް އެމްއޭސީއެލްއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރ މަހުގެ ތެރޭގައެވެ. މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބިލެތްފައްސަށް ވަޑައިގެން ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މި މަޝްރޫޢުގެ ދަށުން ބިލެތްފަހި އެއާޕޯޓު ތަރައްޤީކުރުމަށް ގާތްގަނޑަކަށް 36 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. ބިން ހިއްކުމުގެ މަސައްކަތް ގިނަވެގެން 8 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާއިރު، މުޅި އެއާޕޯޓުގެ މަސައްކަތް 30 މަސްދުވަހުގެ ތެރޭގައި ނިންމާ ހުޅުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
މި މަޝްރޫޢުގެ ދަށުން 1500 މީޓަރުގެ ރަންވޭއަކާއި، އެއާޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ބިލެތްފަހި އެއާޕޯޓަކީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން އަލަށް ތަރައްޤީކުރަން ނިންމާފައިވާ 15 އެއާޕޯޓުގެ ތެރޭގައި ހިމެނޭ މުހިންމު އެއް މަޝްރޫޢެވެ.



