މި އަހަރުގެ ފިޠުރު ޢީދު ނަމާދާ ގުޅިގެން، މާލޭގެ ބައެއް ސަރަޙައްދުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ފުލުހުން ނިންމައިފިއެވެ.
ފުލުހުން ބުނީ، މި ބަދަލުތައް ގެނައުމަށް ހަމަޖެހިފައިވަނީ ޢީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރާ ސަރަޙައްދުތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް ކަމަށެވެ.
ފުލުހުން ބުނިގޮތުގައި، ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒު، ސަލްމާން މިސްކިތް އަދި މާފަންނު ސްޓޭޑިއަމް ހިމެނޭ ސަރަޙައްދުތަކަށެވެ.
ފުލުހުން އާންމުކޮށްފައިވާ ޗާޓުގައި ޕާކުކުރުން މަނާކަމަށް ކަނޑައަޅާފައިވާ ސަރަޙައްދުތަކުގައި ހުރި އުޅަނދުތައް، މާދަމާގެ 15:00 ގެ ކުރިން އެ ސަރަޙައްދުތަކުން ނެގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
1447 ވަނަ އަހަރުގެ ފިތުރު އީދު ނަމާދަށް އިސްލާމީ މަރުކަރު، ސަލްމާން މިސްކިތް އަދި މާފަންނު ސްޓޭޑިއަމް ހިމެނޭ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ގެނެވޭ ބަދަލު.
ޗާޓުގައި ޕާކުކުރުން މަނާކަމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ހުރި އުޅަނދުތައް، 2026 މާރިޗު 19 ވަނަ ދުވަހުގެ 15:00 ގެ… pic.twitter.com/roYteKmvvL
— Maldives Police (@PoliceMv) March 18, 2026
މިއީ ޢީދު ނަމާދުގެ އިންތިޒާމުތައް އެންމެ ފުރިހަމައަށް ކުރިއަށް ގެންދިއުމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށް ފުލުހުން ބުންޏެވެ. މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށް، މި އިންތިޒާމުތަކުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފައެވެ.
މިއަހަރުގެ ފިޠުރު ޢީދު ނަމާދު މާލޭގެ 4 ސަރަޙައްދެއްގައި ބޮޑު ޖަމާޢަތުގައި ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަޙައްދާއި، ވިލިމާލެ ފުޓުބޯޅަ ދަނޑާއި، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކްގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަސްޖިދު ޙަސަން އާދަމްއާއި ނިރޮޅުމަގާއި ހީނާމާ ހިނގުމާއި ފޭރުގަސް މަގާއި، ދުބުރި ގަސްމަގާއި އެއް އިންކޮށް އޮންނަ ހުސްބިމުގައި ޢީދު ނަމާދު ކުރާނެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި، ބޮޑު ޖަމާޢަތްތަކުގެ އިތުރުން މާލެ ސަރަޙައްދުގެ ޖުމްލަ 24 މިސްކިތެއްގައިވެސް ޢީދު ނަމާދު ކުރުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.




