ވ. ފެލިދޫ ކައިރިން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ ދަންވަރު 01:15 އެހައިކަންހާއިރު ކަމަށެވެ.
މި ހާދިސާ ހިނގިއިރު އެ ލޯންޗުގައި ފަސް މީހުން ދަތުރުކުރަމުން ދިޔަ ކަމަށާއި، ހާދިސާގައި އަނިޔާވި ތިން މީހަކަށް ވ. އަތޮޅު ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އެމްއެންޑީއެފްއިންވެސް ވަނީ މިހާދިސާގައި ދެމީހަކު ގެއްލިގެން ހޯދަމުންދާކަން ޔަގީންކޮށްދީފައެވެ. އެމްއެންޑީއެފްއިން ބުނީ، ވ.ކެޔޮދޫ ހުޅަނގު ދެކުނުން 2 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރި ލޯންޗަކުން 2 މީހަކު ގެއްލިފައިވާ ކަމަށެވެ.
އަދި އެމީހުން ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ކުރަމުންދާކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.




