އިންޑިއާގެ މަޝްހޫރު ޓީވީ ބަތަލާ ދިވްޔަންކާ ޓްރިޕާތީއަށް ދަރިޔަކު ލިބެން އުޅޭކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ.
ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ 41 އަހަރުގެ ބަތަލާގެ ކައިވެންޏަށް ވަނީ 10 އަހަރުވެފައެވެ. ދިވްޔަންކާ އާއި ވިވެކް ކައިވެނިކުރީ 2016 ވަނަ އަހަރުގައެވެ.
މި ދެމަފިރިންނަށް ދަރިޔަކު ލިބެން އުޅޭކަން ސޯޝަލް މީޑިއާގައި ހިއްސާކުރަމުން ބުނެފައިވަނީ، ހަޔާތުގައި ކުރިމަތިލާން ތައްޔާރުވާ އާ ހިތްގައިމު ދަތުރާ މެދު ވަރަށް ބޮޑަށް އުފާވެ، ފޯރިގަދަވެފައި ތިބި ކަމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ދިވްޔަންކާ ވިހާނެ ކަމަށް ބެލެވެނީ ކުރިއަށް އޮތް ޖޫން މަހުގެ ތެރޭގައެވެ.
ދިވްޔަންކާ އަކީ އިންޑިއާގެ ޓީވީ އިންޑަސްޓްރީގައި އެންމެ ނުފޫޒުގަދަ އެއް ބަތަލާއެވެ. އޭނާ އެންމެ ބޮޑު މަގުބޫލުކަމެއް ހޯދީ ސްޓާ ޕްލަސް އިން 2013 އިން 2019 އަށް ދެއްކި ސިލްސިލާ ’ޔޭ ހޭ މުހައްބަތޭ’އިންނެވެ. މީގެ އިތުރުން ’ބަނޫ މޭ ތޭރީ ދުލްހަން’އަދި ’ތޭރީ މޭރީ ލަވް ސްޓޯރީ‘ ފަދަ ސިލްސިލާތަކަކީ އޭނާގެ ފާހަގަކޮށްލެވޭ މަސައްކަތްތަކެވެ.
އެކްޓް ކުރުމުގެ އިތުރުން ދިވްޔަންކާ ވަނީ މަޝްހޫރު ރިއަލިޓީ ޝޯ ’ހަތުރޯން ކޭ ކިލާޅީ‘ ފަދަ ޕްރޮގްރާމްތަކުގައި ވެސް ބައިވެރިވެ، އޭނާގެ ހުނަރު ދައްކާލާފައެވެ.
ދިވްޔަންކާއަށް ދަރިޔަކު ލިބެން އުޅޭކަމުގެ މި ޚަބަރާ އެކު އޭނާގެ ފޭނުންނާއި ފަންނާނުން ދަނީ ސޯޝަލް މީޑިއާގައި މަރުހަބާ ކިޔަމުންނެވެ.




