އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް ޔަހޫދީން ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މިކަން ހާމަކޮށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ވަނީ ބަޔާނެއް ނެރެފައެވެ.
މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ، އީރާނުގެ ސައުތު ޕާރްސް ގޭސް ފީލްޑާ ގުޅިފައިވާ ހަކަތަ އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް ބަލައިނުގަނެވޭނެ ކަމަށެވެ. އެ ސަރަހައްދަކީ ގިނަ ގައުމުތަކަކުން ހިއްސާވާ ގުދުރަތީ ގޭސް ދަނޑުތަކެއް ހިމެނޭ މުހިންމު ސަރަހައްދެއްކަން ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.
ސަރުކާރުގެ ބަޔާނުގައި ބުނެފައިވަނީ، ހަކަތަ އުފައްދާ އިންފްރާސްޓްރަކްޗަރތަކަށް މިފަދަ ހަމަލާތައް ދިނުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއް ކަމަށެވެ. އަދި މީގެ ސަބަބުން މުޅި ސަރަހައްދުގެ ހަމަޖެހުން ގެއްލި، ދުނިޔޭގެ ހަކަތައިގެ ރައްކާތެރިކަމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ސިފަކޮށްފައެވެ.
އީރާނުގެ އިތުރުން ސައުދީ އަރަބިއްޔާ، ޔޫއޭއީ، ގަތަރު އަދި ކުވެއިތުގެ ވިޔަފާރި މަރުކަޒުތަކަށާއި ހަކަތަ އުފައްދާ ވަސީލަތްތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތައްވެސް ދިވެހިރާއްޖެއިން ވަނީ ކުށްވެރިކޮށްފައެވެ. މިފަދަ މުހިންމު ބިނާތަކަށް ދޭ ހަމަލާތަކުގެ ސަބަބުން ތެޔޮ އުފައްދާ މަރުކަޒުތަކާއި، ފެން އުފައްދާ ޕްލާންޓްތަކާއި އެއާޕޯޓްތައް ފަދަ އަސާސީ ޚިދުމަތްތައްދޭ ތަންތަނުގެ ރައްކާތެރިކަން ގެއްލޭކަމަށް ސަރުކާރުން ބުނެއެވެ.
މި މައްސަލައިގައި ދިވެހި ސަރުކާރުން ވަނީ މެދުއިރުމަތީގެ ސަރަހައްދަށް ސުލްހައާއި ހަމަޖެހުން ގެނައުމަށްޓަކައި، ވަގުތުން ހަމަލާތައް ހުއްޓާލުމަށް ގޮވާލާފައެވެ.
އަދި ބައިނަލްއަޤުވާމީ މުޖުތަމައުން ކުރަމުންދާ ޑިޕްލޮމެޓިކް މަސައްކަތްތައް މިހާރަށްވުރެ ވަރުގަދަކުރުމަށްވެސް ދިވެހި ސަރުކާރުގެ ބަޔާނުގައި ވަނީ ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.




