ސަލްޓަން ޕާކު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ.
މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ދައުލަތުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ސަލްޓަން ޕާކު މަރާމާތުކޮށް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެމްއެންޑީއެފް އާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެންނެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު ފެށި މި މަސައްކަތުގެ ދަށުން ޕާކުގެ ވިއު ސްޓްރަކްޗަރ، ޓްރީހައުސް، ވޯކްވޭތައް އަދި ކުޑަކުދިން ކުޅޭ ސަރަޙައްދުތައް ވަނީ އާބާތުރަ ފިލުވައި މަރާމާތުކޮށްފައެވެ. މީގެ އިތުރުން ސަލްޓަން ޕާކުގައި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އައު ވަސީލަތްތައް ވެސް ވަނީ ޤާއިމުކޮށްފައެވެ.
ރައީސްގެ މި ޒިޔާރަތުގައި، ޕާކު ތެރޭގައި އަލަށް ތަރައްޤީކުރި އޯވަރހެޑް އޮބްސްޓެކްލް ކޯރސްއާއި ޝޫޓިންގ ރޭންޖުގެ އިތުރުން، އެ ސަރަހައްދުގައި ގާއިމުކޮށްފައިވާ ސްޓޯލްތައް ބައްލަވާލެއްވިއެވެ. އަދި ފިޠުރު ޢީދުގެ މުނާސަބަތުގައި އެމްއެންޑީއެފުން ވިލަރެސްކޮށްގެން ކުރިއަށްގެންދާ ”ޢީދު ހަވީރު 1447“ ގެ ހަރަކާތްތަކުގެ މަޢުލޫމާތު ވެސް އެމަނިކުފާނު އޮޅުންފިލުއްވެވިއެވެ.
ރައީސް މީގެ ކުރިން ވިދާޅުވެފައިވަނީ ސަލްޓަން ޕާކު ތަރައްޤީކުރާނީ ދިވެހިންގެ އައިޑެންޓިޓީއާއި ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން، ޒުވާނުންނާއި ކުޑަކުދިންނަށް ޝައުޤުވެރިވާނެ ފަދަ ގޮތަކަށް ކަމަށެވެ. އަދި މިއީ އާއިލާތަކަށް ހިތްގައިމު ވަގުތުތަކެއް ހޭދަކުރެވޭނެ ފަދަ ތަނަކަށް ހެއްދެވުމަކީ އެމަނިކުފާނުގެ އަމާޒެކެވެ.
ސަލްޓަން ޕާކުގެ މަރާމާތުގެ މަސައްކަތްތައް ނިންމައި، ފިޠުރު ޢީދުގެ ހަރަކާތްތަކާ އެކު މިހާރު ވަނީ އާންމުންނަށް އެއްކޮށް ހުޅުވާލާފައެވެ.



