ފިޠުރު ޢީދުގެ މުނާސަބަތުގައި މާލޭ ސަރަޙައްދުގައި މިއަދު ބޭއްވި ”ޢީދު ހަވީރު” ހަރަކާތަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބިއްޖެއެވެ.
އެމްއެންޑީއެފްގެ އިސްނެގުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި މުޢައްސަސާތައް ހިމެނޭގޮތަށް 12 ފަރާތެއްގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ މި ހަރަކާތް ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާނެއެވެ.
މިއަހަރުގެ ޢީދު ހަވީރު މާލެއާއި ވިލިމާލޭގެ އިތުރުން ހުޅުމާލޭގެ ދެ ފިޔަވަހީގައިވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތް އިންތިޒާމްކޮށްފައިވަނީ އެކި އުމުރުފުރާގެ ކުދިންނާއި މީހުންވެސް ޝަޢުގުވެރިވާނެހެން ތަފާތު ކުޅިވަރުތައް ހިމެނޭ ގޮތަށެވެ.
އެގޮތުން ބައިވެރިވި ކުންފުނިތަކުން ތައްޔާރުކޮށްފައިވާ ސްޓޯލްތަކުގައި ކުޑަކުދިން ގަޔާވާނެ އެކި ކަހަލަ ކުޅިވަރުތަކާއި، ރާއްޖޭގެ އިހުގެ ސަޤާފަތާއި ކުޅިވަރުތައް ދައްކާލުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.
ސަލާމަތީ ބާރުތަކުންވެސް މި ހަވީރުގައި ޚާއްސަ ހަރަކާތްތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ. ދިވެހި ފުލުހުންގެ ޚިދުމަތާއި އެމްއެންޑީއެފުން ވަނީ އެ ފަރާތްތަކުގެ ޔުނީފޯމްތަކާއި، އޮޕަރޭޝަންތަކުގައި ބޭނުންކުރާ ހަތިޔާރާއި، އެއްގަމާއި ކަނޑުގެ އުޅަނދުތައް އާންމުންނަށް ދައްކާލާފައެވެ.

މީގެ އިތުރުން، މި ތަކެއްޗާއެކު ފޮޓޯ ނަގާލައި ތަޖުރިބާ ކޮށްލުމުގެ ފުރުސަތު އާއިލާތަކަށް ވަނީ ފަހިކޮށްދީފައެވެ.

މި ހަވީރުގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ތުއްތުކުދިން އެއްވި އެއްވުމުން، އާންމުން މިފަދަ ހަރަކާތްތަކަށް ބޭނުންވެފައި ތިބި މިންވަރު ވަރަށް ބޮޑަށް ހާމަވެގެންދިޔައެވެ. މިއަހަރު މުޅިން އަލަށް ވިލިމާލެ ޓާފް ދަނޑުގައިވެސް ޢީދު ހަވީރުގެ ހަރަކާތްތައް ވަނީ ކުރިއަށްގެންގޮސްފައެވެ.

ޢީދު ހަވީރުގެ ހަރަކާތްތައް ޢީދު ދުވަހުގެ އިތުރުން ވިދިގެން އަންނަ ދެ ދުވަހުވެސް ކުރިއަށްދާނެއެވެ. މި ހަރަކާތްތައް ކުރިއަށްދާ ސަރަހައްދުތަކުގެ ތެރޭގައި ހުޅުމާލެ ހިޔާ ފާކް، ސެންޓްރަލް ޕާކް، ވިލިމާލެ ޓާފް ދަނޑު އަދި މާލޭގެ ޖުމްހޫރީ މައިދާން ސަރަހައްދު ހިމެނެއެވެ.
ޖުމްހޫރީ މައިދާނުގެ ހަރަކާތްތައް ކުރިއަށްދާނީ އިސްލާމީ މަރުކަޒު ކުރިމަތީ މާބުލް ސަރަހައްދާއި، ސަލްޓަން ޕާކާއި، އިއްޒުއްދީން ފާލަން ހިމެނޭ ސަރަހައްދުގައެވެ.
މި ހަރަކާތްތައް ކޮންމެ ދުވަހަކުވެސް ކުރިއަށްދާނީ ހަވީރު 16:00 އިން 18:00 އަށެވެ.




