އެމެރިކާގެ ނިއު ޔޯކުގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ދިވެހިރާއްޖޭގެ ތުނޑު ކުނަލެއް މިއަދު ބަހައްޓައިފިއެވެ.
މިއީ ދިވެހިރާއްޖޭގެ އުފެއްދުމެއް އދ. ގެ މައި މަރުކަޒުގައި ބެހެއްޓުނު ފުރަތަމަ ފަހަރެވެ.
މި ތުނޑު ކުނަލަކީ ދިވެހިރާއްޖެއިން އދ. އަށް ހަދިޔާކުރި ހަނދާނީ ހަދިޔާއެކެވެ. މި ކުނާ އދ. ގެ މައި މަރުކަޒުގައި ބެހެއްޓުމަށް ނިންމެވީ، 2024 ވަނަ އަހަރު އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިއު ޔޯކަށް ކުރެއްވި ޒިޔާރަތުގައެވެ.

އދ. ގެ މައި މަރުކަޒުގައި ބެހެއްޓި މި ތުނޑު ކުނާ މިއަދު އިފްތިތާހުކޮށްދެއްވީ ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑޮކްޓަރ އަލީ ނަސީރު މުހައްމަދު އެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ އދ. ގެ މައި މަރުކަޒުގައެވެ.

މި ތުނޑު ކުނަލަކީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާއި، ދިވެހިރާއްޖެ އދ. ގެ މެންބަރަކަށް ވީތާ 60 އަހަރު ފުރުމުގެ ތާރީޚީ މުނާސަބަތާ ގުޅުވައިގެން، ދިވެހި ފަންނުވެރިކަން ބައިނަލްއަގުވާމީ މައިދާނުގައި ދައްކާލުމަށް ތައްޔާރުކުރެވުނު ހަދިޔާއެކެވެ.
މި ތުނޑު ކުނާ ފަރުމާކޮށް ވިޔެފައިވަނީ ތުނޑު ކުނާ ވިޔުމުގެ މަސައްކަތަށް ރާއްޖޭގައި އެންމެ މަޝްހޫރު ގދ. ގައްދޫގެ ފަންނުވެރިއެކެވެ.




1 Comment
”މި ތުނޑު ކުނާ ފަރުމާކޮށް ވިޔެފައިވަނީ ތުނޑު ކުނާ ވިޔުމުގެ މަސައްކަތަށް ރާއްޖޭގައި އެންމެ މަޝްހޫރު ގދ. ގައްދޫގެ ފަންނުވެރިއެކެވެ.“
ފަންނުވެރިޔާގެ ނަން ޖަހާލިނަމަ އޭނާ ކުރި ބުރަ މަސައްކަތުގެ އަސްލު އަގު ވަޒަންކުރެވުނީސް