ގިރާވަރުފަޅުން ދޫކޮށްފައިވާ ގޯތިތައް އަންނަ ޖޫން މަހުގެ ތެރޭގައި ހަވާލުކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިކަން ހާމަކުރެއްވީ ގިރާވަރުފަޅު ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ދައްކުވައިދޭ ޑްރޯން ފޮޓޯއެއް އެކްސްގައި ހިއްސާކުރައްވަމުންނެވެ.
ރައީސް ވިދާޅުވީ، ކޮންމެ ދުވަހަކުވެސް ބިން ހިއްކުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށެވެ.
”އިރާދަކުރެއްވިއްޔާ އޭޕްރިލް މަހު އެއްކޮށް ނިމި، ސަވޭ ކޮށް ނިންމާ ޖޫން މަހު ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށޭނެ،“ ރައީސް ވިދާޅުވިއެވެ.
މި މަޝްރޫއުގެ މަސައްކަތް އަލުން ފަށާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ.
ގިރާވަރުފަޅުން ޖުމްލަ 160 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މީގެ ކުރިން ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި އެތަނުން 50 ނުވަތަ 54 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިންމާފައެވެ. މި މަޝްރޫއަކީ ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ ބޮޑު މަޝްރޫއެކެވެ.
ބިން ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި މިވަގުތު ދެ ޑްރެޖަރެއް ދަނީ ބޭނުންކުރަމުންނެވެ. އެއީ އެއްފަހަރާ 35,500 ކިއުބިކް މީޓަރުގެ ސަރަހައްދެއް ހިއްކާލެވޭ ”ކުއީން އޮފް ނެދަލޭންޑްސް” އާއި 22,000 ކިއުބިކް މީޓަރު ހިއްކާލެވޭ ”އޮރެންޖް” ނަމަކަށް ކިޔާ ދެ ޑްރެޖަރެވެ.
ގިރާވަރުފަޅުގެ އާ ލޭންޑް ޔޫސް ޕްލޭންގައިވާ ގޮތުން އެތަނުން ޖުމްލަ 4,072 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. މިހާރުވެސް ގޯތި ލިބޭ މީހުންގެ މެދުގައި ގުރުއަތުލުން ބާއްވައި، ޕްލޮޓްތައް ވަނީ ކަނޑައަޅާފައެވެ.




