ދިވެހި މުޖްތަމަޢުގައި، ޑައުން ސިންޑްރޯމްގެ އެކި ޙާލަތު ތަޙައްމަލު ކުރަމުންދާ ކޮންމެ ކުއްޖަކާއި މީހަކަށް ހެޔޮކޮށް ހިތުމަކީ މުސްލިމަކަށްވީތީ އަދި އިންސާނަކަށްވީތީ އުފުލަންޖެހޭ މަސްއޫލިއްޔަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހުގެ މުނާސަބަތުގައި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ، ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ صلى الله عليه وسلمގެ ސުންނަތުން ފެންނާންހުރި އިރުޝާދުތަކާއި ޢިބްރަތްތެރި ޙާދިސާތަކުގައި، މުޖްތަމަޢުގެ ޚާއްޞަ އެހީތެރިކަމަކަށް ބޭނުންވެފައިވާ ކޮންމެ މީހަކާމެދު އޯގާތެރިކަން އިސްކޮށް އިޙްސާންތެރިކަމާއެކު ކަންކަން ކޮށްދިނުމުގެ މުހިންމުކަން ހާމަވާ ކަމަށާއި، އެކަމަށް އޮތް ބޮޑު ދަރުމައާއި އަޖުރު ބަޔާން ވެގެންވާ ކަމަށެވެ.
މުސްލިމަކަށް ވީތީ ކުރެވޭނެ އެންމެ ބޮޑު އެއް ހެޔޮކަމަކީ އަދި ދޫކުރެވޭނެ ދެމިހުންނަނިވި އެއް ޞަދަޤާތަކީ މުހުތާދުތަކުގައި ޖެހިފައިވާ ކޮންމެ އަޚަކާއި އުޚްތަކަށްމެ އަޅައިލުންކަމަށް ރައީސް ވިދާޅުވިއެވެ.
”މިއަހަރު، ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހުގެ ޝިޢާރުން ލިބިދޭ މެސެޖަކީވެސް އެފަދަ އެއްވެސް ފަރާތެއް މުޖްތަމަޢުން ބާކީވެ އެކަހެރިވިޔަ ނުދިނުން. މި ސަރުކާރުން އިސްނަގައިގެން މިދިޔަ 28 މަސްދުވަހުގެ ތެރޭގައި މިއަމާޒަށް ވަނީ ގިނަ މަސައްކަތްތަކެއް ކުރެވިފައި.“ ރައީސް ވިދާޅުވިއެވެ.
އަދި ކުރިއަށް އޮތް ތަނުގައިވެސް، އެންމެންނަށް ފުރުޞަތު އޮތް، އޯގާތެރި، ޝާމިލް މުޖްތަމަޢެއް ބިނާކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަށް ވާނެކަމަށް ރައީސް ވިދާޅުވިއެވެ.




