ކުރިއަށް އޮތް ބޮޑު ޗުއްޓީއާއި ދިމާކޮށް ރާއްޖޭގެ ގައުމީ އެއަރލައިން، މޯލްޑިވިއަނުން ތައިލެންޑުގެ ބެންކޮކަށް ހާއްސަ ފެއަރއެއް ތައާރަފްކޮށްފިއެވެ.
މޯލްޑިވިއަނުން ހާމަކޮށްފައިވާ ގޮތުގައި މި ފެއަރ ކުރިއަށްދާނީ ޖުލައި މަހުގެ 12 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ފެއަރގެ ދަށުން ބެންކޮކަށް ކުރާ ދަތުރުތަކުގެ ދެކޮޅު ޓިކެޓުގެ އަގުތައް ފެށެނީ 399 ޑޮލަރުންނެވެ. މީގެ އިތުރުން މި ދަތުރުތަކުގައި ބައިވެރިވާ ފަސިންޖަރުންނަށް 25 ކިލޯގެ ބެގެޖް އެލަވަންސް ލިބޭނެ ކަމަށްވެސް އެ އެއަރލައިނުން ބުނެއެވެ.
މޯލްޑިވިއަނުން ބެންކޮކަށް ކުރާ މި ދަތުރުތައް އޮންނާނީ ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހުއެވެ. އެގޮތުން މާލެއިން ބެންކޮކަށް ފުރާ ފްލައިޓްތައް މެންދުރުކުރީ 11:00 ގައި ފުރުމަށް ހަމަޖެހިފައިވާއިރު، ބެންކޮކުން މާލެއަށް ފުރާ ފްލައިޓްތައް ފުރާނީ އެ ގައުމުގެ ގަޑިން އިރުއޮއްސި 18:40 ގައެވެ. މި ދަތުރުތަކަށް ޓިކެޓް ބުކްކުރުމުގެ ފުރުސަތު މޯލްޑިވިއަނުން މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ.
ޗުއްޓީ ދުވަސްވަރާ ދިމާކޮށް މޯލްޑިވިއަނުން މީގެ ކުރިންވެސް ބައިނަލްއަޤްވާމީ މަންޒިލްތަކަށް ހާއްސަ ދަތުރުތައް ބާއްވާފައިވެއެވެ. އެގޮތުން މިއަހަރުގެ ޖަނަވަރީ މަހު މެލޭޝިއާގެ ކުއަލަލަމްޕޫރަށާއި ބެންކޮކަށް ކުރި ދަތުރުތަކަށް ބޮޑު ތަރުހީބެއް ލިބިފައިވާކަން އެ ކުންފުނިން ފާހަގަކުރެއެވެ.
އެފަހަރު ކުއަލަލަމްޕޫރު އަދި ބެންކޮކް މަގުން ޖުމްލަ 2,120 އަށްވުރެ ގިނަ ފަސިންޖަރުން ދަތުރުކުރި ކަމަށް މޯލްޑިވިއަނުން ބުނެފައިވެއެވެ.




