އަސްލު އެމްޑީޕީއެއް މިއަދަކު ނެތްކަމަށާއި އެ ޕާޓީގެ އިސް ސަފުގައި މިހާރު ހަރަކާތްތެރިވަމުން ދަނީ ޕާޓީގެ އަސްލު ފިކުރަށް ނިސްބަތް ނުވާ ”ދަލުބޭރުން ޖެހިގެން އުޅޭ“ ބައެއް ކަމަށް މާލޭގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި ކޮންގްރެސް ޕާޓީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވާ ކެންޑިޑޭޓް މޫސާ އަލީ ޖަލީލަށް ތާއީދުކުރައްވައި، އެމަނިކުފާނު އެންޑޯޒް ކުރެއްވިކަން ހާމަކުރެއްވުމަށް ބޭއްވި ބައްދަލުވުމެއްގައި އާދަމް މަނިކު ވިދާޅުވީ، މިހާރު އެމްޑީޕީގެ އިސް ސަފުގައި އެ ތިބީ ކުރިން މުގުރުބުރި ހިފައިގެން ފަހަތުން ދުވި މީހުން ކަމަށާއި އަބްދުﷲ ޝާހިދާއި ފައްޔާޒަކީވެސް އަސްލު އެމްޑީޕީ ބައެއް ނޫން ކަމަށެވެ.
”އެމްޑީޕީގެ އިސް ސަފުން ފެންނަނީ ޕާޓީގެ ފިކުރަށް ނިސްބަތް ނުވާ ’ދަލުބޭރުން ޖެހިގެން އުޅޭ‘ ބައެއް. ކޮބައިތޯ ޑީއާރްޕީއަށް ނިސްބަތް ނުވާ މީހަކު ދައްކަވަބައްލަވާ އިސް ސަފުން. އެހެންވީމަ އެއީ އެމްޑީޕީއެއް ނޫނޭ. މިހާރު އަޅުގަނޑުމެންގެ ބަހެއް ނުވިކޭނެއޭ. އަޅުގަނޑުމެން އެމްޑީޕީ އެއްޗަކަށް ހެދީމަ އެ ހަނދާނެއް ނެތޭ މިހާރު.“ އާދަމް މަނިކު ވިދާޅުވިއެވެ.
އާދަމް މަނިކު އިތުރަށް ވިދާޅުވީ، މޫސާ އަލީ ޖަލީލަށް ތާއީދުކުރެއްވީ ވަރަށް ބޮޑަށް ވިސްނެވުމަށްފަހު ކަމަށާއި އަބަދުވެސް ބަލާނީ މާލެއަށް ރަނގަޅުގޮތް ވުމަށް ކަމަށެވެ. އަދި ކުރިއަށް އޮތް ފަސް އަހަރު އަނެއްކާވެސް މާލެ ބޭކާރުވެގެންދާން ނޭދޭ ކަމަށް އާދަމް މަނިކު ވިދާޅުވިއެވެ.
މިހާރުގެ ސިޓީ ކައުންސިލުން ޒިންމާ އަދާނުކުރާ ކަމަށް ތުހުމަތުކުރައްވައި، މާލެއަށް ކައުންސިލުން އިހުމާލުވަމުންދާ ކަމަށްވެސް އާދަމް މަނިކު ވިދާޅުވިއެވެ.




