މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގައި ނުވަތަ އެހެންވެސް ހަނގުރާމައެއްގައި ރާއްޖޭގެ އެއްވެސް ސަރަހައްދެއް ބޭނުންކުރުމުގެ ފުރުޞަތު ނުދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
ރައީސް ވިދާޅުވީ އެމެރިކާ އާއި އިސްރާއީލުން އިސްވެ އީރާނަށް ދޭންފެށި ހަމަލާތަކަކީ ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެއް ކަމަށެވެ. އެއްވެސް ޤައުމެއްގެ މިނިވަންކަމާއި އިސްތިގުލާލު ނަގާލެވޭ ގޮތަށް ހަމަލާތައް ދެވިގެން ނުވާނެ ކަމަށާއި، އެމެރިކާ އާއި ޔަހޫދީން ދެމުންދާ ހަމަލާތައް މިހާރުން މިހާރަށް ހުއްޓާލަންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ހަނގުރާމައިގައި ރާއްޖޭގެ އެއްވެސް ސަރަހައްދެއް ބޭނުންކުރުމުގެ ފުރުޞަތު ދޭން އުޅޭކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ފައިދާވާނެ ކޮންމެ ކަމެއްގައި އިސްރާއީލް ފިޔަވައި އެހެން ހުރިހާ ޤައުމަކާވެސް ރާއްޖޭން ގުޅުން ބަދަހިކުރާނެ ކަމަށެވެ. ނަމަވެސް، އެއްވެސް ޤައުމެއްގެ މިލިޓަރީ ބޭނުމަށް ރާއްޖޭގެ އެއްވެސް ސަރަހައްދަކުން ފުރުސަތު ނުދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
”ރާއްޖެއަކުންނެއް އެއްވެސް ފުރުޞަތެއް ނުދޭނަން އިސްލާމީ ޤައުމަކާ ދެކޮޅަށް ދޭ ހަމަލާއަކަށް ޖާގަ ދޭކަށެއް. އެއީ އަޅުގަނޑުމެން ކުރާނެ ކަމެއް ނޫން. އެ ހަނގުރާމަ ޖެހޭނީ މިހާރުން މިހާރަށް ހުއްޓެން،“ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ އީރާނުން ހަމަލާދޭނަމަ ދޭންޖެހޭނީ ސީދާ އިސްރާއީލަށް ކަމަށާއި، އެއީ ރާއްޖޭން ގަބޫލުކުރާ ގޮތް ކަމަށެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި އެމެރިކާ އާއި ޔަހޫދީން އީރާނަށް ދެމުން އަންނަ ހަމަލާތަކަކީ ބައިނަލްއަގުވާމީ ޤާނޫނުތަކާވެސް ޚިލާފު ހަމަލާތަކެއް ކަމަށެވެ. އަދި މުސްލިމް އެއްވެސް ޤައުމަކަށް ދޭ އެއްވެސް ހަމަލާއެއް ސަރުކާރުން ބަލައި ނުގަންނާނެ ކަމަށާއި، މިހާރު ހިނގަމުންދާ ހަމަލާތަކާ ރާއްޖޭން ކަނޑައެޅިގެން ދެކޮޅު ކަމަށް ރައީސް ވިދާޅުވިއެވެ.




