ބޮޑުކަންނެލި މަސްވެރިކަން ކުރާ ދޯނިތަކަށް އެސްޓީއޯއިން ވިއްކާ ތެލަށް ސަބްސިޑީ ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ކަޅުބިލަމަހުގެ މަސްވެރިންނެކޭ އެއްފަދައިން ބޮޑުކަންނެލި މަސްވެރިކަން ކުރާ ދޯނިތަކަށް މިއަދުން ފެށިގެން އެސްޓީއޯއިން ވިއްކާ ތެލަށް ސަބްސިޑީ ލިބިގެންދާނެ ކަމަށެވެ.
ސަބްސިޑައިޒް އަގުގައި ބޮޑުކަންނެލި މަސްވެރިންނަށް ތެޔޮ ލިބޭނީ ވަކި ސަރަހައްދުތަކަކުންނެވެ. އެގޮތުން ހުޅުމާލެ އެފްއެސްއެމް ޓާމިނަލުންނާއި ކ. ހިންމަފުށި އެފްއެސްއެމް ޝެޑުން ތެޔޮ އަޅާ ބޮޑުކަންނެލި މަސްވެރިކަން ކުރާ ދޯނިތަކަށް މި ލުއި ލިބޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.
މި ދުވަސްވަރަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާ ދުވަސްވަރެކެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިންނަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ބޮޑުކަންނެލި މަސްވެރިންނަށް ތެޔޮ ލިބުމުގައި މި ލުއި ލިބިގެންދިޔައިރު، މަސްވެރިންގެ ހުށަހެޅުމާ އެއްގޮތަށް މިފްކޯއިން މިހާރު ވަނީ ބޮޑުކަންނެލި ގަންނަން ވެސް ފަށައިފައެވެ.



