އައްޑޫ ސިޓީގެ ކަރަންޓުގެ ޚިދުމަތް ރަނގަޅު ކުރުމަށްޓަކައި އެ ސިޓީގައި ގާއިމުކުރާ ސެންޓްރަލް ޕަވަރ ސްޓޭޝަން (ސީ.ޕީ.އެސް) މަޝްރޫއު ރޭ ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.
މި މަޝްރޫއު އިފްތިތާހްކޮށްދެއްވީ އެ ކަމަށްޓަކައި އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއއްޔާތު ޝަރަފުވެރިކޮށްދެއްވީ ދާޚީލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު އޮނަރަބަލް ޢަލީ އިޙްސާނެވެ.
މި ރަސްމިއްޔާތުގައި އެންގްލޯ ބެލްޖިއަން ކޯޕަރޭޝަންގެ އޭރިއާ މެނޭޖަރ ކެޕްޓަން ވިންސެންޓް ޕިރީ އާއި، ޑެފިނިޓް ސޮލިއުޝަންސްގެ ސީ.އީ.އޯ އަބްދުﷲ ސައީދު އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ ތަމްސީލު ކުރައްވާ މެންބަރުން ބައިވެރިވެވަޑައިގަތެވެ.
މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ފެށި މަޝްރޫއެކެވެ.
މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ، މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާޙް ވިދާޅުވީ، އައްޑޫގެ ކަރަންޓުގެ މައްސަލަ ދިގުލައިގެން ގޮސްފައިވަނީ މީގެ ކުރިން ދާއިމީ ހައްލެއް ހޯދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވުމުން ކަމަށެވެ. ނަމަވެސް މިހާރު އައު ފަރާތަކާ މަސައްކަތް ހަވާލުކުރެވި، އަމަލީ މަސައްކަތް ފެށިފައިވާކަން ނަޖާހް ފާހަގަކުރެއްވިއެވެ.
ޑެފިނިޓް ސޮލިއުޝަންސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގައި ބޭނުންކުރާނީ ބެލްޖިއަމްގެ އަންގްލޯ ބެލްޖިއަން ކޯޕަރޭޝަން (އޭ.ބީ.ސީ) ގެ ލޯ-ސްޕީޑް ޒަމާނީ އިންޖީނުތަކެވެ. މިއީ މިހާރު އައްޑޫގައި ބޭނުންކުރާ ހައި-ސްޕީޑް އިންޖީނުތަކަށްވުރެ ވަރުގަދަ އަދި އިތުބާރު ހުރި އިންޖީނުތަކެއް ކަމަށް ފެނަކައިން މައުލޫމާތުދެއެވެ.
އަންނަ އަހަރުގެ ނިޔަލަށް ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫއު ނިމޭއިރު، އައްޑޫ ސީ.ޕީ.އެސްގައި 26.37 މެގަވޯޓުގެ ކަރަންޓު އުފެއްދުމުގެ ގާބިލްކަން ހުންނާނެއެވެ. މީގެ އިތުރުން، އައްޑޫގެ ފެނާއި ނަރުދަމާގެ ޚިދުމަތް ރަނގަޅު ކުރުމުގެ މަސައްކަތްތަކެއްވެސް ކުރިއަށްދާކަން އެމް.ޑީ ފާހަގަކުރެއްވިއެވެ.
މަޝްރޫއު ނިމި ޚިދުމަތް ފެށޭއިރު، އައްޑޫ ސިޓީގައި ހުއްޓިފައިވާ ފެނަކައިގެ ދެ އޮފީސް އިމާރާތުގެ މަސައްކަތް ނިންމައި، މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ އައު އޮފީސް މާހައުލެއްވެސް ލިބިގެންދާނެ ކަމަށް މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.




