މިދުވަސްވަރަކީ ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރު ކަމަށްވާތީ، އިރުގެ ހޫނުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މިދުވަސްވަރު ހޫނުމިން ހުރީ އެވްރެޖުކޮށް 31.2 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީގައެވެ.
ނަމަވެސް ވައިގެ ތެއްކަން ހުރި މިންވަރުން އިހުސާސްކުރެވޭ ހޫނުމިން ހުރީ 35.5 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީގައެވެ.
މެޓުން ބުނިގޮތުގައި ކޮންމެ އަހަރެއްގެވެސް މާރިޗު އަދި އޭޕްރީލް މަހަކީ ހޫނުމިން އެންމެ މައްޗަށްދާ ދުވަސްވަރެވެ. މި ދުވަސްވަރު ހޫނުގަދަވަނީ އުޑުމަތީގައި ވިލާ މަދުވެ، ވައި މަޑުވުމުގެ ސަބަބުން ވައިގެ ތެއްކަން ހިފެހެއްޓޭ މިންވަރު މަތިވުމުންނެވެ.
މިއަދު ހެނދުނު 11:00 ޖެހިއިރު އިހުސާސްކުރެވޭ ހޫނުމިން އެންމެ މައްޗަށް ރިކޯޑު ކުރެވިފައިވަނީ މާލެއަށެވެ. އެއީ 36.8 ޑިގްރީ ސެލްސިއަސްއެވެ.
ހޫނު ގަދަވުމުގެ ސަބަބުންނާއި އިރުގެ ދޯދިން ތުއްތު ކުދިންނާއި، ކުޑަކުދިންނަށް ކުރާ އަސަރު މާބޮޑުކަން ފާހަގަކޮށް، އެކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ްއެޗްޕީއޭއިން ވަނީ ޢިލްތިމާސްކޮށްފައެވެ.
ގަދަ ހޫނުގެ ސަބަބުން ކުޑަކުދިންނަށް ކުރާ އަސަރު ބޮޑުވާތީ، ބެލެނިވެރިން މިކަމަށް ވަރަށް ބޮޑަށް އަހައްމިއްޔަތު ކަމެއް ދޭންޖެހޭކަން ފާހަގަކުރައްވާ ކުޑަކުދިންގެ ޑޮކްޓަރ، ޑރ.އަޙްމަދު ފައިސަލް ވިދާޅުވީ، ކުޑަކުދިންގެ ހަށިގަނޑު އުފެދިފައިވާ ގޮތުން، އެކުދިންގެ ބަރުދަނާ އަޅާބަލާއިރު ހަމުގެ ސައިޒު ބޮޑުވުމުން ހަށިގަނޑަށް ބޮޑަށް ހޫނު ދަމައިގަންނާނެ ކަމަށެވެ.
ވަކިން ޚާއްޞަކޮށް އެންމެ ތުއްތު ކުދިންނަށް މިކަމުން ވަރަށް ބޮޑަށް ނުރައްކާވާނެ ކަމަށް ޑރ.ފައިސަލް ވިދާޅުވިއެވެ.
”ޚާއްޞަކޮށް އެންމެ ތުއްތު ކުދިންގެ ހަށިގަނޑުގެ ފަސްބައިކުޅަ އެއްބަޔަކީ ބޯ ހަން ކަމަށްވާއިރު، އެއީ ހޫނަށް އެންމެ ބޮޑަށް ހުށަހެޅޭ ގުނަވަން، މީގެ އިތުރުން ކުޑަކުދިންނަކީ ޤުދުރަތީ ގޮތުންވެސް ހަށިގަނޑުގައި އަވަހަށް ހޫނު އުފައްދާ ބައެއް. އަދި އެކުދިންނަކީ ހަރަކާތްތެރިވެ ދުވެ ހަދާ ބަޔަކަށްވުމުން، ނޭވާލާ މިންވަރާއި ވިންދު ޖަހާ މިންވަރު އިތުރުވެ، މެޓަބޮލިޒަމް ރޭޓް މަތިވެ ދާހިއްލާ މިންވަރަށްވެސް ބަދަލުތައް އާދޭ.“ ޑރ.ފައިސަލް ވިދާޅުވިއެވެ.
ހޫނު ގަދަވުމުގެ ސަބަބުން އެންމެ ބޮޑަށް ނުރައްކާވާ ފަރާތްތައް
- ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން
- މާބަނޑު މީހުން
- ދާއިމީ ބައްޔަކަށް ފަރުވާ ކުރަމުންދާ މީހުން
- އަވީގައި ގިނަވަގުތު މަސައްކަތް ކުރަންޖެހޭ ފަރާތްތައް
އެޗްޕީއޭއިން ވަނީ، ހެނދުނު 10 އަކުން ހަވީރު 4 އަކާއި ދެމެދު ސީދާ އަވީގައި އުޅުން މަދުކުރުމަށް އިރުޝާދު ދީފައެވެ. އަދި މި ދުވަސްވަރު ގިނައިން ދިޔާ ތަކެތި ބުއިމަށްވެސް ވަނީ ބާރުއަޅާފައެވެ.




