މާލޭގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ ޓެކްސީ ލައިންގެ ހިދުމަތުގައި ޕާޓް-ޓައިމްކޮށް މަސައްކަތް ކުރަން ބޭނުންވާ ޑްރައިވަރުން، ޑްރައިވަރުންގެ ޕޫލުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
އެމްޓީސީސީން ބުނި ގޮތުގައި މި ހިދުމަތުގައި ބައިވެރިވާން ބޭނުންވާ ޑްރައިވަރުން ރަޖިސްޓްރީވާން ޖެހޭނީ އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށެވެ.
މި މަހުގެ ތެރޭގައި ފަށަން ހަމަޖެހިފައިވާ ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތަށް ޖުމްލަ 407 ޑްރައިވަރުން ބޭނުންވާ ކަމަށް އެމްޓީސީސީން ވަނީ ހާމަކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 285 ފުލް-ޓައިމް ޑްރައިވަރުންނާއި 122 ޕާޓް-ޓައިމް ޑްރައިވަރުންނެވެ.
މި މަޝްރޫއަށް ބޭނުންވާ ޑްރައިވަރުން ހޯދުމަށްޓަކައި ޖެނުއަރީ މަހާއި މި މަހުގެ ތެރޭގައި މާލޭގައި ވޯކް-އިން-އިންޓަވިއުތަކެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ޓެކްސީ ލައިންގެ ހިދުމަތް ދިނުމަށް ނިންމާފައިވަނީ ތިމާވެއްޓާ ރައްޓެހި އިލެކްޓްރޯނިކް ވެހިކަލް (އީވީ) ބޭނުންކޮށްގެންނެވެ. އެމްޓީސީސީން ބުނި ގޮތުގައި މި ހިދުމަތުގައި ތިން ސައިޒެއްގެ ވެހިކަލް ބޭނުން ކުރާނެއެވެ.
އަދި މިއީ މާލޭގެ ރައްޔިތުންނަށް 24 ގަޑިއިރު މެދުނުކެނޑި ލިބޭނެ ހިދުމަތެއް ކަމަށް ވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ.




