ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފުވައްމުލައް ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި އެ ސިޓީގެ ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވަޑައިގެންފިއެވެ.
އިއްޔެ ހަވީރު އެކަމަނާ ފުވައްމުލައް ސިޓީއަށް ވަޑައިގަތުމުން އެ ރަށުން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފައެވެ.
މިއަދު ކުރިއަށްދިޔަ ދޮރުން ދޮރަށް ހަރަކާތުގައި މެޑަމް ސާޖިދާ ވަނީ ފުވައްމުލަކުގެ ބައެއް ގެތަކަށް ވަޑައިގެން، އާއިލާތަކާ ބައްދަލުކުރައްވައި އެފަރާތްތަކުގެ ޝުއޫރުތައް އަޑުއައްސަވައިފައެވެ. މި ހަރަކާތުގެ ތެރެއިން ގޭގެއަށް ވަޑައިގެން ރައްޔިތުންނާ އެކު އެކަމަނާ ގިނަ ވަގުތުތަކެއް ހޭދަކުރެއްވިއެވެ.
ދޮރުން ދޮރަށް ހަރަކާތުގެ އިތުރުން، މެޑަމް ވަނީ ޕީއެންސީގެ ފަރާތުން ފުވައްމުލައް ސިޓީގެ ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނާ ވެސް ބައްދަލުކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި ޕީއެންސީގެ ފަރާތުން ފުވައްމުލައް ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ އަލީ މަސީހް އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވިއެވެ.
ސިޓީތަކަށް ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން މެޑަމް ސާޖިދާ އިއްޔެ ވަނީ ތިނަދޫ ސިޓީއަށް ވެސް ވަޑައިގެންފައެވެ. ތިނަދޫގައި ވެސް ދޮރުން ދޮރަށް ހަރަކާތް ކުރިއަށްގެންދަވައި، އެ ސިޓީގެ ކެންޑިޑޭޓުންނާ އެކަމަނާ ވަނީ ބައްދަލުކުރައްވައިފައެވެ.
ތިނަދޫ އާއި ފުވައްމުލަކަށް ފަހު އެކަމަނާ މިއަދު ހަވީރު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީއަށެވެ.



