މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ހަ ލައްކައަށް ވުރެ މައްޗަށް އަރައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ޖުމްލަ 601,707 ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފައެވެ.
މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 6.5 ޕަސެންޓްގެ ކުރިއެރުމެކެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނައިން ޓޫރިސްޓުން އަންނަ މާކެޓްތަކަށް ބަލާއިރު، އެއްވަނައިގައި އޮތީ ޗައިނާ އެވެ. އެ ގައުމުން މިހާތަނަށް 90,189 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. ދެވަނައިގައި 72,934 ޓޫރިސްޓުންނާއެކު ރަޝިއާ އޮތްއިރު، ތިންވަނައިގައި އޮތީ 56,593 ޓޫރިސްޓުންނާއެކު އިނގިރޭސިވިލާތެވެ.
ދަތުރުފަތުރުގެ ވަސީލަތްތަކަށް ބަލާއިރު، ވައިގެ މަގުން 595,405 ޓޫރިސްޓުން ރާއްޖެ އައިސްފައިވެއެވެ. އަދި ކަނޑުމަގުން 6,302 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ ކަމަށް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމޭއިރު 2.3 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމެވެ. ނަމަވެސް، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ވަނީ ބައެއް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފަ އެވެ.
މިކަމާ ގުޅިގެން، އާ މާކެޓްތަކުން ޓޫރިސްޓުން ގެނައުމަށާއި ރާއްޖެއަށް ދަތުރުކުރާ ބޭރުގެ އެއާލައިންތަކުގެ އަދަދު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.




