ރާއްޖެއަށް ކުރިމަތިވެދާނެ ގޭހުގެ ދަތިކަމަކުން އަރައިގަތުމަށްޓަކައި، މާލޭ ސަރަހައްދުގައި އިތުރު 1،500 ޓަނުގެ ގޭސް ރައްކާކުރެވޭނެ ސްޓޮރޭޖު ފެސިލީޓީއެއް އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިކަން ހާމަކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖެއަށް މިވަގުތު ގޭހުގެ ބޮޑު ދަތިކަމެއް ކުރިމަތިވެފައި ނެތް ކަމަށެވެ. މި ސަރަހައްދުގެ ގައުމުތައް ކަމަށްވާ ލަންކާއާއި ބަންގުލަދޭޝަށް ގޭސް ފޯރުކޮށްދެނީ ރާއްޖެއަށްވެސް ގޭސް ފޯރުކޮށްދޭ ފަރާތުން ކަމަށާއި، ބޮޑެތި އުޅަނދުފަހަރުން ކުދި އުޅަނދުފަހަރަށް ގޭސް ބަދަލުކުރުމުގެ މަސައްކަތް މި ސަރަހައްދުގައި ކުރެވެނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކަމަށްވާތީ، ގޭސް ލިބުމުގައި ދަތިތަކެއް ނެތްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، މިހާރުގެ ހާލަތަށް ބަލާއިރު، އެސްޓީއޯއިން އެއްފަހަރާ 1،000 ޓަނުގެ ގޭސް ރައްކާކުރެވޭއިރު، ވިލާ ގޭސްއިންވެސް ގޭސް ރައްކާކުރުމުގެ މަސައްކަތް ކުރެއެވެ.
މިނިސްޓަރު ވިދާޅުވީ އެސްޓީއޯއިން ގޭސް ރައްކާކުރެވޭ މިންވަރު އިތުރުކުރުމަށްޓަކައި 1،500 ޓަނުގެ އައު ފެސިލިޓީއެއް ތަރައްގީކުރުމުގެ މަސައްކަތް މިހާރު ޕްރޮކިއުމެންޓް މަރުހަލާގައިވާ ކަމަށެވެ.
”އަޅުގަނޑަށް އަންގާފައި އޮތީ ޕްރޮކިއުމެންޓު ލެވެލްގަައޭ އޮތީ އިތުރު 1،500 ޓަނުގެ ސްޓޮރޭޖު މާލޭ ސަރަހައްދުގައި ޑިވެލޮޕްކުރުމަށްޓަކައި. މި އަހަރުގެ ނިޔަލަށް އެ ޕްރޮޖެކްޓު ނިމޭނެކަަމަަށް އެސްޓީއޯއިން ވިދާޅުވެފައި އޮތީ. އެއިރުން އަޅުގަނޑުމެންނަށް ދެ މަހާއި ބައިގެ ސްޓޮރޭޖު ގެންގުޅެވޭނެ މާލޭ ސަރަހައްދުގައި އެކަނި،“ މިނިސްޓަރު ވިދާޅުވިއެވެ.
ތެޔޮ ޓޭންކަރުތަކާ ހިލާފަށް ގޭސް އުފުލާ ޓޭންކަރުތައް ގެންގުޅުމަކީ އުނދަގޫ ކަމަކަށްވާތީ، ގައުމުގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސްޓޮރޭޖު އިތުރުކުރުމަކީ މުހިއްމު ކަމެއް ކަމަށް ސަރުކާރުން ދެކެއެވެ.
މީގެ އިތުރުން، ރާއްޖޭގެ ތިން ސަރަހައްދެއްގައި ތެޔޮ ރިޒާވް ގާއިމުކުރުމުގެ މަސައްކަތްވެސް ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.



