ރާއްޖޭގެ ފަސް ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ އާ އިމާރާތް ކުރުމުގެ މަސައްކަތް ސަރުކާރުގެ ތިން ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
މި މަސައްކަތްތައް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.
ގދ. ހޯޑެއްދޫ ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރާ އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އާރްޑީސީއާއެވެ. 8.1 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ނާސް ސްޓޭޝަނަކާއި، 4 އެނދުގެ ވާޑަކާއި، ޕްރައިވެޓް ރޫމް، ޕްރޮސީޖަރ ރޫމް، ލެބޯޓްރީ، ޕަބްލިކް ހެލްތު ޔުނިޓް، މީޓިންގ ހޯލް، ސްޓޯ ރޫމް އަދި ލޯންޑްރީއެއް ހިމެނެއެވެ.
މި މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ 365 ދުވަހުގެ މުއްދަތަކަށެވެ.
ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައިވަނީ ރ. މާކުރަތާއި ރ. ވާދޫ ސިއްހީ މަރުކަޒުގެ މަސައްކަތްތަކެވެ. މާކުރަތު ސިއްހީ މަރުކަޒުގެ މަސައްކަތް 5.1 މިލިއަން ރުފިޔާއަށް 300 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފައިވާއިރު، ވާދޫ ސިއްހީ މަރުކަޒުގެ މަސައްކަތް ހަވާލުކުރީ 5.7 މިލިއަން ރުފިޔާއަށް 365 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި ދެ ރަށުގައިވެސް ނާސް ސްޓޭޝަނާއި، ވާޑުތަކާއި ލެބޯޓްރީ ފަދަ މުހިންމު ވަސީލަތްތައް ގާއިމުކުރެވޭނެއެވެ.
އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ތ. ކަނޑޫދޫއާއި ކ. ހިންމަފުށީގެ ސިއްހީ މަރުކަޒުގެ މަސައްކަތްތަކެވެ. ކަނޑޫދޫގައި ކުރިއަށްދާނީ އައު ސިއްހީ މަރުކަޒު އިމާރާތުގެ ނުނިމި ހުރި މަސައްކަތްތަކެވެ. 21.8 މިލިއަން ރުފިޔާގެ މި މަޝްރޫއު ނިންމުމަށް 390 ދުވަސް ދީފައިވެއެވެ.
ހިންމަފުށީ ސިއްހީ މަރުކަޒަށް އިތުރުކުރާ އިމާރާތުގައި ނާސް ސްޓޭޝަނަކާއި، 4 އެނދުގެ 2 ވާޑާއި، 2 ޕްރައިވެޓް ރޫމް ހިމެނޭނެއެވެ.



