މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ސަރުކާރުގެ ހަރަދުތައް ކުޑަ ކުރުމަށް ރާއްޖެ އިން ބޭރަށް ސަރުކާރުގެ ފަރާތުން ކުރާ ދަތުރުތައް މިވަގުތަށް ހުއްޓާލާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުންދާ ކަމަށެވެ.
އެގޮތުން، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި ރާއްޖެއިން ބޭރަށް ކުރާ އެހެނިހެން ހުރިހާ ދަތުރުތަކެއް މިހާރު މެދުކަނޑާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މި ބަދަލުތައް ގެނައީ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ދައުލަތުގެ ކޭޝްފްލޯއަށް ބަދަލުތަކެއް އަންނަމުންދާތީ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ ފޮރިން މިނިސްޓްރީން ކުރަން ޖެހޭ ޑިޕްލޮމެޓިކް ދަތުރުތައް ކުރިއަށް ދިޔަ ނަމަވެސް އެހެން މިނިސްޓްރީތަކާއި މުއައްސަސާތަކުގެ ދަތުރުތައް މަޑުޖައްސާލާފައިވާ ކަމަށެވެ. އެގޮތުން އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އިން ނަގާފައިވާ 100 މިލިއަން ޑޮލަރު ދެއްކުން ފަސްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ޔޫއޭއީއަށް ވަޑައިގަތުމަށް ކުރިން ހަމަޖެހިފައި އޮތް ނަމަވެސް، ހަރަދު ކުޑަކުރުމުގެ ގޮތުން އެ ދަތުރުވެސް މިހާރު ފަސްކުރައްވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަމިއްލަ ވިޔަފާރިތަކަށް ދައްކަންޖެހޭ ފައިސާގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ނުދައްކައި ހުރި ފައިސާގެ ބޮޑު ބައެއް މިހާރު ދައްކައި ހަލާސްކޮށްފައިވާ ކަމަށެވެ. ނަމަވެސް، ބައެއް ބިލްތަކަކީ ހަވާލުކުރަން ނުޖެހޭ ފައިސާ ކަމަށް އޮޑިޓާ ޖެނެރަލް ލަފާދެއްވާފައިވާތީ، އެފަދަ ބިލްތަކަށް ފައިސާ ދޫކުރުން މަޑުޖައްސާލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”އަޅުގަނޑުމެން ބައެއް ކުންފުނިތަކަށް ފައިސާ ހަވާލުކޮށްގެން ދޫކުރިން، ދޫކޮށްފައި އެކަަމަކު އޮޑިޓާ ޖެނެރަލްގެ ލަފަ އާއި، އިންޓާނަލް އޮޑިޓުން ފާހަގަކުރެވިފައި ހުރި މައްސަލަތައް ހައްލުކޮށް އަލުން ޕްރެޒެންޓުކުރަންވެސް މިހާރު ހުންނާނީ ކުންފުނިތަކަށް އަންގާފައި،“ މިނިސްޓަރު ވިދާޅުވިއެވެ.
ނިންމަވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ފަދައިން، އަމިއްލަ ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ ދޫކުރުމަކީ ސަރުކާރުން އިސްކަމެއް ދޭ ކަމެއް ކަމަށެވެ.
އަދި މައްސަލަ ހުރި ބިލުތަކުގެ ކަންކަން ހައްލުކުރުމަށްފަހު، އެ ފައިސާ ދެއްކުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.




