ކުރީގެ މަޝްހޫރު ފިލްމީ ތަރި ނިއުމާ މުޙައްމަދަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބޮޑު މުސާރައެއް ލިބޭ ވަޒީފާއެއް ހަމަޖައްސައިދިން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރުނު ޚަބަރުތަކާ ގުޅިގެން، އޭނާއަށް ބޮޑެތި ފުރައްސާރަތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
ނިއުމާ ބުނި ގޮތުގައި މި ވާހަކަތަކާ ގުޅިގެން އޭނާއަށް ގިނަ އަދަދެއްގެ ފޯނު ކޯލުތަކާއި މެސެޖުތައް ވަނީ ލިބިފައެވެ.
ނިއުމާއަށް އެމްޓީސީސީން 40،000ރ. ގެ މުސާރައެއް ލިބޭ ވަޒީފާއެއް ހަމަޖައްސާދީފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަތައް ފެތުރެމުންދާތާ މިހާރު ވަނީ ދުވަސްކޮޅެއް ވެފައެވެ.
މިކަމާ ގުޅިގެން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ނިއުމާ ބުނީ ، މިދިޔަ ދެ ދުވަހެއްގެ ތެރޭގައި 1,500 އަށް ވުރެ ގިނަ ކޯލާއި 400 އަށް ވުރެ ގިނަ މެސެޖު އޭނާއަށް ލިބިފައިވާ ކަމަށެވެ. މި އުނދަގޫތަކާ ހުރެ އެންމެ ފަހުން ފޯނު ނަންބަރުގެ ޚިދުމަތްވެސް ކަނޑާލަން ޖެހުނު ކަމަށް އޭނާ ބުނެފައިވެއެވެ.
ނިއުމާގެ ޕޯސްޓުގައި އޭނާ ވަނީ ސޯޝަލް މީޑިއާގައި އޭނާއާ ދިމާލަށް ކިޔަމުންދާ ހުތުރު އެއްޗެހީގެ ޒިންމާ އެމްޓީސީސީގެ އިސްވެރިން ނަގަންޖެހޭނެ ކަމަށް ބުނެފަ އެވެ. އޭނާ ބުނި ގޮތުގައި އެއްވެސް ހަގީގަތެއް ބެލުމެއް ނެތި މީހުން ދަނީ އޭނާ ރޮލާ ކާލަމުން ނެވެ.
”ތަނެއް ދޮރެއް ބަލާލުމެއް ނެތި މީހުން ސޯޝަލް މީޑިއާގަ ރޮލާ ކާލަނީ. މަށަކަށް ނުދޭ 40,000 ރުފިޔާގެ މުސާރަ ލިބޭ ވަޒީފާއެއް. މަގޭ ހިތަށް އަރާ ހުވާ މިވަރު މުސާރައެއް ދީފަ މަ ގޭގަ ބަހައްޓާނެ ނަމައޭ.“ ވަޒީފާގެ ވާހަކަ ދޮގުކުރަމުން ނިއުމާ ބުންޏެވެ.
މި މައްސަލައާ ގުޅިގެން ނިއުމާ ވަނީ އޭނާއަށް އަމާޒުވަމުންދާ ފުރައްސާރައާ މެދު ނުރުހުން ފާޅުކޮށް، ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ނުފެތުރުމަށް އެދިފައެވެ.




