ޙަލާލު ޓޫރިޒަމް މޮޑެލްގެ ދަށުން ރިސޯޓު ތަރައްޤީކޮށް ހިންގުމަށްޓަކައި ދޫކުރާ ރަށްރަށުގެ ލިސްޓަށް ށ. ފުށިފަރު އިތުރުކޮށް، އެ ރަށް ބީލަމަށް ޓޫރިޒަމް މިނިސްޓްރީނެ ހުޅުވާލައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ވަނީ، ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން ހަލާލް ޓޫރިޒަމް މޮޑެލްއަށް ރިސޯޓު ތަރައްޤީކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންނަ މެއި މަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.
ހަލާލު ޓޫރިޒަމް ތަރައްޤީކުރުމަށް ށ. ފުށިފަރުގެ އިތުރުން އިތުރު ތިން ސަރަހައްދެއް ވަނީ ކަނޑައަޅާފައެވެ. އެ ސަރަހައްދުތަކަކީ:
- ހދ. މަކުނުދޫ: 200 ހެކްޓަރުގެ ބިން (150 އެނދު)
- ށ. ފުށިފަރު: 4.34 ހެކްޓަރުގެ ބިން (100 އެނދު)
- ލ. ފޮނަގާދޫ: 8.18 ހެކްޓަރުގެ ބިން (100 އެނދު)
- ސ. ދޮންހެރަ: 8.38 ހެކްޓަރުގެ ބިން (100 އެނދު)
މި ރަށްރަށް 50 އަހަރަށް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާއިރު، ކުއްޔަށް ދޫކުރާ ތާރީޚުން ފެށިގެން 36 މަސްދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފަށަންޖެހެއެވެ. އަދި މި ރިސޯޓުތައް ތަރައްޤީކުރުމަށް ބިން ހިއްކުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ހަލާލު ޓޫރިޒަމްގެ ކޮންސެޕްޓަށް ރިސޯޓު ތަރައްޤީކުރާ ފަރާތްތަކަށް ގިނަ ލުއިތަކެއް ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން އިކުއިޒިޝަން ފީ އާއި ކޯސްޓް 5 ނުވަތަ 6 އަހަރަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމު ހަމަޖައްސައިދިނުމާއި، ޑިއުޓީން %20 އާ ހަމައަށް މައާފްކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން، ރިސޯޓު ތަރައްޤީކުރުމަށް ދީފައިވާ ގްރޭސް ޕީރިއަޑް ހަމަވުމުގެ ކުރިން އޮޕަރޭޝަނަށް ގެނެސްފިނަމަ، ބާކީ އޮތް މުއްދަތުގެ ބިމު ކުލި އެއްކޮށް މައާފްކޮށްދިނުމަށްވެސް ވަނީ ނިންމާފައެވެ.
ށ. ފުށިފަރު ލިސްޓަށް އިތުރުކުރުމާ ގުޅިގެން ބީލަމުގެ މުއްދަތުތަކަށް ބަދަލު ގެނެސްފައިވާއިރު، އިތުރު ޕްރީ-ބިޑް ބައްދަލުވުމެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.




