ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ބާރުގަދަ ތޫފާނެއް އަރައި ބޯކޮށް ވާރޭވެހި، ގައުމުގެ ގިނަ ސަރަހައްދުތަކެއްގައި ފެންބޮޑުވެއްޖެއެވެ.
ޔޫއޭއީގެ ނޭޝަނަލް ސެންޓަރ އޮފް މީޓިއޮރޮލޮޖީ (އެންސީއެމް) އިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގަނޑުން ފެށިގެން ހުކުރު ދުވަހުގެ ހެނދުނުގެ ނިޔަލަށެވެ.
އެންސީއެމްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ރައުސް އަލް ހައިމާގެ ޝައުކާ ސަރަހައްދަށް 77.5 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. މީގެ އިތުރުން ކަލްބާ އަށް 65.8 މިލިމީޓަރު އަދި އުއްމު އަލް ޤާފަށް 60.6 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރެކޯޑު ކުރެވިފައިވެއެވެ. މި ހަފްތާގެ ކުރީކޮޅުވެސް ބައެއް ސަރަހައްދުތަކަށް ވަނީ އާދަޔާ ހިލާފަށް ގިނައިން ވާރޭވެހިފައެވެ. އެގޮތުން އަޖްމާންގެ އަލް މަނާމާއަށް ހޯމަ ދުވަހު އެކަނިވެސް 93.3 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.
މި މޫސުމީ ހާލަތުގެ ސަބަބުން ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓާއި ޒައިދު އިންޓަނޭޝަނަލް އެއާޕޯޓުގެ ފްލައިޓްތަކަށް ވަނީ ބޮޑެތި ބުރޫތަކެއް އަރާފައެވެ. އެމިރޭޓްސް އަދި އިއްތިހާދު އެއާވޭޒްއިން ވަނީ ކޮންފާމް ބުކިންއެއް އޮތް ފަރާތްތައް ފިޔަވައި އެހެން މީހުން އެއާޕޯޓަށް ނުދިއުމަށް އިރުޝާދު ދީފައެވެ.
މީގެ އިތުރުން، އަލް އައިން އަދި އުތުރުގެ އެމިރޭޓްސްތަކުގެ ވާދީތަކުގައި ފެންބޮޑުވުމުގެ ސަބަބުން ބައެއް މީހުން ސަލާމަތްކުރަން ޖެހުނުއިރު، ދުބާއީ އާއި ޝާރްޖާގެ މަގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ.
ޔޫއޭއީގެ ނޭޝަނަލް އިމަޖެންސީ ކްރައިސިސް އެންޑް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންސީއީއެމްއޭ) އިން ވަނީ ރައްޔިތުން ގޭގައި ތިބުމަށާއި، ފެންބޮޑުވާ ސަރަހައްދުތަކަށް ނުދިއުމަށް އިލްތިމާސްކޮށްފައެވެ. ސޯޝަލް މީޑިއާގައި މި ހާދިސާއާ ގުޅޭގޮތުން ފެތުރެމުންދާ ދޮގު ޚަބަރުތަކާ ގުޅިގެން އެންސީއެމް އިން ބުނެފައިވަނީ، މިއީ ސައިކްލޯން އެއް ނޫން ކަމަށާއި، މިއީ ރެޑް ސީ އިން އައި ތެތްވައިގެ ސަބަބުން އުފެދުނު ލޯ-ޕްރެޝަރު ސިސްޓަމެއްގެ ނަތީޖާ ކަމަށެވެ.
މޫސުން ލަފާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ހޮނިހިރު ދުވަހުން ފެށިގެން މޫސުން މަޑުމަޑުން ރަނގަޅުވާން ފަށާނެއެވެ.
ނަމަވެސް، ފިނިހޫނުމިން ދަށްވެ، ގަޑިއަކު 60 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މޫސުން ލަފާކުރާ ފަރާތްތަކުން ލަފާކުރެއެވެ.




