ހުޅުމާލޭ ފޭސް 1 ގައި ހުންނަ ސޯޝަލް ހައުސިން ފްލެޓްތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ރަސްމީކޮށް ހަވާލުވެއްޖެ އެވެ.
އެޗްޑީސީން ނެރުނު އިއުލާނެއްގައި ބުނި ގޮތުގައި، އެ ކުންފުންޏާއި ހައުސިން މިނިސްޓްރީއާ ދެމެދު މިދިޔަ އަންގާރަ ދުވަހު ވަނީ މިކަމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގެ ދަށުން ހުޅުމާލެ ފޭސް 1 ގައި ހިމެނޭ 704 ފްލެޓް މަރާމާތުކުރުމާއި ބެލެހެއްޓުމުގެ ހުރިހާ ޒިންމާއެއް ދެން އުފުލާނީ އެޗްޑީސީންނެވެ.
މީގެ ކުރިން މި ފްލެޓްތަކަކީ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުން ބަލަހައްޓަމުން ދިޔަ ތަންތަނެވެ. އެޗްޑީސީން ބުނީ އެއްބަސްވުމުގައި ސޮއިކުރުމާއެކު، އެ ފްލެޓްތައް މަރާމާތުކުރުމުގެ އަމަލީ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ.
”މިއަދުން ފެށިގެން 704 ފްލެޓުތަކަށް ދިމާވާ މެއިންޓެނަންސްގެ މައްސަލަތައް ހައްލުކުރުމަށް މި ކޯޕަރޭޝަނާ ގުޅިގެން މަސައްކަތް ކުރުމަށް އާންމުކޮށް އަންގައި އިއުލާން ކުރަމެވެ،“ އެޗްޑީސީގެ އިއުލާނުގައި ބުނެފައިވެއެވެ.
ހުޅުމާލެ ފޭސް 1 ގެ ފްލެޓްތަކުގެ ޒިންމާ އެޗްޑީސީން ނެގިއިރު، ހުޅުމާލެ ފޭސް 2 ގައި ހުންނަ ހިޔާ ފްލެޓުތަކާއި ވިނަރެސް ފްލެޓްތަކަކީ ވެސް މިހާރު އެ ކުންފުނިން ބަލަހައްޓަމުން ގެންދާ ތަންތަނެވެ.



