ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ތަނެއްގެ ތެރޭގައި ބަންގްލަދޭޝް މީހަކަށް އަނިޔާކޮށް، އޭނާ ރަހީނުކުރި މައްސަލައެއްގައި އެ ގައުމުގެ ފަސް މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ބުދަ ދުވަހު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނި ގޮތުގައި، މި މައްސަލަ ހުށަހެޅުމާއެކު ރަހީނުކުރި މީހާ ސަލާމަތްކުރުމަށް ފުލުހުން ކުރި މަސައްކަތުން، އޭނާ ފެނިފައިވަނީ ވިލިމާލެއިންނެވެ. އޭނާ ސަލާމަތްކުރުމަށްފަހު ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދައްކާފައިވާ ކަމަށާއި، ފަރުވާއަށްފަހު މިހާރު އޭނާ ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ފަސް ފިރިހެނުންނެވެ. އެއީ އެމްޑީ ހޮސައިން (30އ)، އެމްޑީ މެހެދި ހަސަން (43އ)، އެމްޑީ ޝާ އަލަމް (39އ)، ސާފިފް ހަސަން (38އ) އަދި ރަސަލް (20އ)އެވެ.
މި ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ އެންމެންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.




