އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، ރަސްމީ ދަތުރުފުޅެއްގައި ސަޢުދީ ޢަރަބިއްޔާއަށް ފުރާވަޑައިގަންނަވައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދޭ ގޮތުގައި މިނިސްޓަރުގެ މި ދަތުރުފުޅަކީ މަދީނާގައި ކުރިއަށްދާ ’ޢުމްރާ އެންޑް ޒިޔާރާ ފޯރަމް 2026′ ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގެ ތެރެއިން މުހިއްމު މަސައްކަތްތަކެއް ކުރެއްވުމަށް ވަނީ ރޭވިފައެވެ. އެގޮތުން ހުޅުމާލޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ ބޮޑު މިސްކިތް ޢިމާރާތް ކުރުމުގެ ފަހުމުނާމާގައި ސަޢުދީ ޢަރަބިއްޔާގެ ކުންފުންޏަކާއެކު އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދު އޮތް ގުޅުން ވަނީ އިތުރަށް ހަރުދަނާވެގެން ގޮސްފައެވެ. ޚާއްޞަކޮށް ޙައްޖާއި ޢުމްރާގެ ކަންކަމުގައި ސަޢުދީ ސަރުކާރުން އަންނަނީ ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މީގެ އިތުރުން، ސަޢުދީ ޢަރަބިއްޔާގެ ޙައްޖާއި ބެހޭ ވުޒާރާއާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ގުޅިގެން ގިނަ ހަރަކާތްތަކެއް އަންނަނީ ހިންގަމުންނެވެ.



