ރިޔާސީ ދައުރު ދިގުކުރުމުގެ އެއްވެސް ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ޒުވާނުންނާއެކު ބޭއްވި ހާއްސަ އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދާދިފަހުން ރައްޔިތުންގެ މަޖިލީހުން ވަނީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރުމުގެ ބިލެއް ފާސްކޮށްފައެވެ. މި ބަދަލު ގާނޫނުއަސާސީއަށް ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެން ކަމަށްވާތީ، އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް މިހާރު ވަނީ ނިންމައިފައެވެ.
މި އިސްލާހާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުންގެ ކައިރިން އަހާ ވޯޓުގައި އޮތީ މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރުކޮށްލާފައި، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ފެނޭތޯ ނުވަތަ ނޫންތޯ ކަމަށެވެ.
”މިއަކު ނާދޭ ރިޔާސީ އިންތިހާބު ދިގުކުރާ ވާހަކައެއް، ކުރު ކުރާ ވާހަކައެއް. އެކަހަލަ ކަމެއް ކުރާކަށް ނުވެސް އުޅެން، ނުވެސް ކުރާނަން،“ ރައީސް ވިދާޅުވިއެވެ.
ރިޔާސީ ދައުރު ދިގުކުރުމުގެ ތުހުމަތު އިދިކޮޅު އެމްޑީޕީން ކުރަމުންދާއިރު، ރައީސް ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ދައުލަތުގެ ހަރަދު ކުޑަވުމުގެ އިތުރުން ދެ ބާރު އިތުރަށް ފުރިހަމަވެގެންދާނެ ކަމަށެވެ.
އަދި މި ބަދަލާއެކު ސުޕަ މެޖޯރިޓީ ހޯދުމުގެ ސަގާފަތް ވެސް ނިމުމަކަށް އަންނާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.



