ކުޅުދުއްފުށީ ސިޓީގެ ރީޖަނަލް ހޮސްޕިޓަލުގައި އަލަށް ގާއިމްކުރާ އައިސޮލޭޝަން ފެސިލިޓީގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
ކުޅުދުއްފުށީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވީ ހެލްތް މިނިސްޓަރު އަބްދުއްﷲ ނާޒިމް އިބްރާހިމްއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން ހެލްތް މިނިސްޓްރީގެ އިސްބޭފުޅުންނާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އިސްވެރިންގެ އިތުރުން އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް މި ހަފްލާގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގައި ޕްރައިވެޓް ރޫމްތަކާއެކު އައިސޮލޭޝަން ފެސިލިޓީއެއް ގާއިމްކުރުމަށް އަލްޓެކް މޯލްޑިވްސްއާ ސަރުކާރުން ހަވާލުކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ.
މި މަޝްރޫއަކީ އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކްގެ މާލީ އެހީތެރިކަމާއެކު ހެލްތް މިނިސްޓްރީން ކުރިއަށްގެންދާ ”މޯލްޑިވްސް ކޮވިޑް-19 އިމަޖެންސީ ރެސްޕޯންސް އެންޑް ސިސްޓަމް ޕްރިޕެއާރޑްނަސް“ޕްރޮޖެކްޓުގެ ދަށުން ހިންގާ މަސައްކަތެކެވެ.

މި މަޝްރޫއުގެ ދަށުން ޕްރައިވެޓް ރޫމްތަކުގެ އިތުރުން 800 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމްއެއް ހިމެނޭހެން ކޮންވާޓިބަލް ކަރަންޓީނު ފެސިލިޓީއެއް ވެސް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ފެސިލިޓީއަކީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ބޭނުންކުރެވޭނެ ގޮތަށް ފަރުމާކުރެވިފައިވާ ތަނެކެވެ.



