ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވިސާގެ މުއްދަތު އިތުރުކުރުމުގައި މިހާރު ހުރި ދަތިތައް ނައްތާލައި، ފަސޭހަ އިންތިޒާމްތަކެއް އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ހަމަޖެހިގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ތާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރެއްވީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރާ އަސަރު ކުޑަކުރުމަށް އެކުލަވާލާފައިވާ ކޮމިޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މިނިސްޓަރު ތާރިޤު ވިދާޅުވީ، ފަތުރުވެރިންނަށް އާންމުކޮށް ދޫކުރާ 30 ދުވަހުގެ ވިސާގެ މުއްދަތު އިތުރުކުރަން ޖެހޭ ހާލަތްތަކުގައި، އެކަން ފަސޭހައިން ކުރެވޭނެ ގޮތް ހެދުމަށް މޯލްޑިވްސް އިމިގްރޭޝަނާއެކު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
މި އައު އިންތިޒާމުގެ ދަށުން އެޕްރީލް 1 އިން ފެށިގެން ޚިދުމަތަށް އެދި ހުށަހެޅޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
”ކުރީގަ އޮންނަ ދިގު މުއްދަތު އަދި ހުށަހަޅަންޖެހޭ ބައިވަރު ޑޮކިއުމަންޓްސްތައް ހުށަނާޅާ، އެބޭފުޅުންގެ އޮންލައިން ޕްލެޓުފޯމުން، ވިސާ ފޮޓޯ އެޕްލައިކޮށް، ފައިސާ ދެއްކީމަ، 48 ގަޑިއިރުތެރޭގައި ވިސާ އެކްސްޓެންޑުކުރެވިގެންދާނެ،“ މިނިސްޓަރު ވިދާޅުވިއެވެ.
މެދުއިރުމަތީގެ މަސްރަޙަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ވަނީ ނިސްބަތުން އަސަރުކޮށްފައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖެ އަންނަ ފަތުރުވެރިންގެ 30 އިންސައްތައަކީ މެދުއިރުމަތީގެ އެއާލައިންތަކުން ދަތުރުކުރާ ފަރާތްތަކެވެ. އެހެންކަމުން މިފަދަ ލުއިތަކަކީ ފަތުރުވެރިކަން ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.
މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާ ފުޅާކުރުމުގެ ގޮތުން ރިމޯޓް ވޯކަރ އާއި ކޮންޓެންޓު ކްރިއޭޓަރސްއަށް ޚާއްޞަ ވިސާތަކެއް ތަޢާރަފްކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.



