ވ. ފެލިދޫ ކައިރިން ދަތުރު ކުރަނިކޮށް ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް، އެ ސަރަހައްދުގެ ކަނޑު އަޑިން މީހެއްގެ އަތެއް ބުރިވެފައިވަނިކޮށް ފެނިއްޖެއެވެ.
ބުރިވެފައި އޮތް މި އަތް ފެނިފައިވަނީ ވ. ފުލިދޫ ޝާކް ޕޮއިންޓަށް ޑައިވިނަށް ގޮސް އުޅުނު ބަޔަކަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މައުލޫމާތު ދިންގޮތުގައި، އިންސާނެއްގެ ގުނަވަނެއްގެ ބައެއް ކަމަށް ބެލެވޭ އެއްޗެއް ފެނިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
މި ހާދިސާ ހިނގާފައިވަނީ މި މަހުގެ 19 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ. ލޯންޗު ބަންޑުން ޖަހާލި އިރު އޭގައި ޖުމްލަ ހަތް މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ އިނގިރޭސިވިލާތުގެ މީހަކާއި، ރަޝިއާގެ މީހެއްގެ އިތުރުން އިންޑިއާގެ ފަސް މީހުންނެވެ.
މި ހާދިސާގައި ކަނޑުވި މީހުންގެ ތެރެއިން ފަސް މީހަކު ވަނީ ސަލާމަތްކޮށްފައެވެ. ނަމަވެސް، އިންޑިއާއަށް ނިސްބަތްވާ ދެ މީހަކު ވަނީ ގެއްލިފައެވެ. މި ހާދިސާ ހިނގިތާ މިހާރު ދެ ހަފްތާ ވާން ގާތްވެފައިވާއިރު، ގެއްލުނު މީހުން ހޯދުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ކަނޑުގެ ބޮޑު ސަރަހައްދެއް ބަލައި ފާސްކޮށްފައެވެ.
މިއަދު ފެނުނު އިންސާނާގެ ގުނަވަނަކީ ގެއްލިފައިވާ ދެ މީހުންގެ ތެރެއިން މީހެއްގެ އަތެއްތޯ ބެލުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.




