އައްޑޫ ސިޓީ ހިތަދޫގައި އެންސްޕާ އަދި އާސަންދަ އޮފީހެއް ހުޅުވައިފިއެވެ.
މި އޮފީސް ހުޅުވުމަށްޓަކައި ހިތަދޫގައި މިއަދު ބޭއްވުނު ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، އޮފީސް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވްލޮޕްމަންޓް ޑރ. ޢާއިޝަތު ޝިހާމް އެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރުގެ އަރިހުގައި އެންސްޕާގެ ސީ.އީ.އޯ ހީނާ ވަލީދު އަދި އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޒީނިޔާ ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިޔުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިޙްސާންއާއި، އައްޑޫ ސިޓީގެ ދާއިރާތައް ތަމްސީލްކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ އެކި އޮފީސްތަކާއި އިދާރާތަކުގެ އިސްވެރިން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އާސަންދަ ކުންފުނިން ބުނީ މި އޮފީސް ހުޅުވިގެން ދިއުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، އިޖުތިމާއީ ރައްކާތެރިކަމުގެ ޚިދުމަތްތައް ލާމަރުކަޒީ އުސޫލުން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
މީގެ ކުރިން އައްޑޫ ސިޓީގެ ރައްޔިތުން އެންސްޕާ އަދި އާސަންދައިގެ އެކި ޚިދުމަތްތައް ހޯދުމުގައި ކުރިމަތިލާންޖެހުނު ދަތިތަކަށް ހައްލެއް ލިބި، އެއްވެސް މެދުކެނޑުމެއް ނެތި އަވަސް ޚިދުމަތްތަކެއް މި އޮފީހާއެކު ލިބިގެންދާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި، މި ސަރުކާރުގެ ސިޔާސަތަކީ މާލެއަށް އެކަނި މަރުކަޒުވެފައިވާ ޚިދުމަތްތައް ރަށްރަށަށް ފުޅާކުރުން ކަމަށެވެ.
”ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އަދުގެ ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރަމުންދަނީ ހަމައެކަނި މާލެއަށް މަރުކަޒުވެފައި އޮތް ޚިދުމަތްތައް ރަށްރަށަށް ބަހާލައި، ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތްތައް ފޯރުކޮށްދިނުމަށް،“ މިނިސްޓަރ ވިދާޅުވިއެވެ.
މި އޮފީސް ހުޅުވުމާއެކު، ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުން ބޭސްފަރުވާއަށް އާސަންދަ ހޯދުމަށާއި އިޖުތިމާއީ ރައްކާތެރިކަމުގެ އެކި އެހީތަކަށް އެދި ހުށަހެޅުމުގައި މާލެއަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
ހުވަދު އަތޮޅާއި ފުވައްމުލަކު ސިޓީ ހިމެނޭހެން ދެކުނުގެ ސަރަހައްދަށް އަމާޒުކޮށް ފުޅާކުރި މި ޚިދުމަތުގެ ސަބަބުން، ލިޔެކިޔުންތައް ހުށަހެޅުމާއި ޖަވާބު ހޯދުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް އަވަސްވެގެންދާނެއެވެ.




