އައްޑުއަތޮޅު ހުޅުމީދޫގައި ޤާއިމުކުރި މަސް ޕްރޮސެސިންގ ފެސިލިޓީ ރަސްމީކޮށް ހުޅުވައިފިއެވެ.
މި ފެސިލިޓީ ހުޅުވުމަށް މިއަދު ހަވީރު ހުޅުމީދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އާމިނަތު ޙުސައިން ޝަރީފެވެ.
މި ރަސްމިއްޔާތުގައި މިފްކޯގެ ސީއީއޯ ފަރުޙަތު ޝަހީރާއި، އެ ކުންފުނީގެ އިސްވެރިންގެ އިތުރުން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިފްކޯއިން ހާމަކުރި ގޮތުގައި، މި ސެންޓަރުގެ ސަބަބުން އައްޑޫގެ ރައްޔިތުންނަށް ރައްކާތެރި ގޮތުގައި މަސް ބަންދުކޮށް، އިތުބާރު ހިފޭ އުފެއްދުންތަކެއްގެ ގޮތުގައި ލިބުމުގެ ފުރުޞަތު ފަހިވާނެއެވެ. އަދި މީގެ ސަބަބުން މަސްވެރިކަމުން ލިބޭ ނަފާ އިތުރުވެގެންދާނެ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ.
އައްޑޫ ފިޝް ޕްރޮސެސިންގ ފެސިލިޓީގައި މަސް ޕްރޮސެސް ކުރުމަށް ބޭނުންކުރާނީ ”ބްލާސްޓް ފްރީޒިންގ” މެތަޑެވެ. މިގޮތަށް ބަންދުކުރެވޭ މަސް މިއަދުން ފެށިގެން މިފްކޯގެ ހުޅުމީދޫ ފިހާރައިން ގަންނަން ލިބޭނެއެވެ. މީގެއިތުރުން، ޑިސްޓްރިބިއުޓަރުން މެދުވެރިކޮށް އައްޑޫގެ ހުރިހާ ހިސާބަކަށް މި އުފެއްދުންތައް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
ކުންފުނީގެ އުފެއްދުންތެރިކަން އިތުރުކުރުމުގެ ގޮތުން މިފްކޯއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން ސަރުކާރުގެ އެހީތެރިކަމާއި މަލްޓި ލެޓެރަލް ޑިވެލޮޕްމަންޓް ފައިނޭންސްގެ އެހީގައި، މަސް ގަތުމާއި ރައްކާކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންދާކަން އެ ކުންފުނިން ފާހަގަކުރެއެވެ.




