ލާމު އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
މި ޚިދުމަތް ފައްޓަވައިދެއްވީ ލ. ފޮނަދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޡާރިޤު އިބްރާހީމެވެ.
އާރުޓީއެލް ޚިދުމަތް ކޮންމެ އަތޮޅެއްގައިވެސް ފަށަނީ، އެއް ހަފުތާއަށް އެ އަތޮޅެއްގެ ރައްޔިތުން އަހުލުވެރި ކުރުމަށް ހިލޭ ދަތުރުކުރެވޭ ގޮތަށް ޚިދުމަތް ދިނުމަށް ފަހުއެވެ. އޭގެ ފަހުން އަތޮޅުގެ އެކި ރޫޓުތަކާއި އެހެން އަތޮޅުތައް ގުޅުވާލެވޭ ރޫޓުތަކުގައި އަގު ނަގަން ފަށައެވެ. މި ޚިދުމަތް ދެނީ، ސަރުކާރުން ސަބްސިޑައިޒު ކުރާ ގޮތަށް ހެޔޮ އަގެއްގައެވެ. އެހެންކަމުން ލ.އަތޮޅުގައިވެސް މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މި އުޞޫލުންނެވެ.
ލ. އަތޮޅުގައި މި ޚިދުމަތް ދިނުމަށް ބޭނުންކުރަނީ އިންޑިއާ ސަރުކާރުގެ އެހީގައި ބަނދެފައިވާ، 48 މީހުންގެ ޖާގައިގެ ޒަމާނީ ދެ ލޯންޗެވެ. މީގެ ތެރެއިން ކޮންމެ ލޯންޗެއްގައިވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ 4 ޖާގަ ހިމެނެއެވެ.
ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު ވާހަކަދައްކަވަމުން މިނިސްޓަރު ޡާރިޤް އިބްރާހީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް ކަމަކީ މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުން ކަމަށެވެ. އަދި މި ޚިދުމަތުގެ ސަބަބުން ރަށްރަށުގެ އިޤްތިޞާދަށާއި ލޯކަލް ޓޫރިޒަމަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
”ހުރިހާ ރަށެއް ގުޅުވާލުމުން އިޤްތިޞާދީ ގޮތުން މިއަށްވުރެ ބޮޑަށް ކުރިއަރައިގެންދާނެ. ފެރީ ސިސްޓަމްތަކަށް ޚާއްސަ ސަމާލު ކަމެއްދީގެން މި ހިންގަނީ،“ މިނިސްޓަރު ވިދާޅުވިއެވެ.
2022 ވަނަ އަހަރު ފެށި އާރުޓީއެލްގެ ޚިދުމަތް މިހާރު ރާއްޖޭގެ 15 އަތޮޅެއްގެ 145 ރަށަކަށް ވަނީ ފުޅާކުރެވިފައެވެ.


