ބިންވެރިޔާ ސްކީމްގެ ދަށުން ރަސްމާލެއިން ގޯއްޗަށް އެދި ހުށައެޅުމުގެ ފުރުސަތު ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.
މި ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.
މިނިސްޓްރީން ކޮށްފައިވާ އިޢުލާނެއްގައި ބަޔާންކޮށްފައިވަނީ، މިއަހަރުގެ މާރިޗު މަހު ގެޒެޓުކޮށްފައިވާ ބިންވެރިޔާ ސްކީމްގެ އުސޫލުގެ ދަށުން ގޯއްޗަށް އެދި ހުށައެޅުމުގެ ފުރުސަތު އެޕްރީލް 1 އިން ފެށިގެން 30 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
މި ފުރުސަތުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ 1250 އަކަފޫޓުގެ ގޯތިތަކެކެވެ.
މި އުސޫލުގެ ދަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ މައި ކެޓަގަރީތަކުގެ ތެރޭގައި ޖޮއިންޓް އެޕްލިކޭޝަން ހުށައަޅައިގެން ގޯތި ލިބިފައިވާ ފަރާތްތަކާއި، ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފްލެޓެއް ލިބިފައި އޮތުމުގެ ސަބަބުން ބިންވެރިޔާ ސްކީމަށް ކުރިމަތި ނުލެވުނު ފަރާތްތައް ހިމެނެއެވެ. ގޯއްޗަށް އެދި ހުށައަޅަންޖެހެނީ http://boahiyaavahikan.housing.gov.mv ޕޯޓަލް މެދުވެރިކޮށެވެ.
ގޯއްޗަށް އެދި ހުށައަޅާއިރު ބޭނުންވާ ލިޔެކިޔުންތަކުގެ ތެރޭގައި ކައިވެނީގެ ސެޓްފިކެޓާއި، އަމިއްލަ ނަމުގައި ބިމެއް ނުވަތަ ފްލެޓެއް އޮތްނަމަ އޭގެ ރަޖިސްޓްރީއާއި، ޙައްޤުތަކާ ގުޅޭ އިޤްރާރުގެ އިތުރުން މާލޭގެ ރަށްވެހިކަން ސާބިތުކޮށްދޭ ލިޔުންތައް ހިމެނެއެވެ. މީގެ ތެރޭގައި އުފަންވީއްސުރެ މާލޭގައި އުޅޭކަން ނުވަތަ ފަހުން މާލޭގައި ރަށްވެހިވި ތާރީޚާއި އެޑްރެސް އަންގައިދޭ ރަށްވެހިންގެ ރަޖިސްޓަރީ ފަދަ ލިޔުންތައް ހިމެނެއެވެ.
ރަސްމާލެ މަޝްރޫޢަކީ ބޯހިޔާވަހިކަމުގެ ދާއިރާއިން މާލެ ސަރަޙައްދަށް މިސަރުކާރުން ގެންގުޅޭ އެންމެ ބޮޑު އެއް ތަޞައްވުރެއެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 1009 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް 500 ހެކްޓަރާ ގާތްކުރާ އަދަދަކަށް ބިން ހިއްކާ ނިމިފައިވާކަމަށް ސަރުކާރުން ހާމަކުރެއެވެ.
ރަސްމާލެ ހިއްކުމުގެ އަމަލީ މަސައްކަތް ފުރަތަމަ ފެށީ 2023 ޑިސެންބަރު 18 ގައެވެ. އަދި މަސައްކަތްތައް އިތުރަށް އަވަސްކުރުމަށްޓަކައި އެމްއޭސީއެލްއާ ހަވާލުކޮށްގެން މަސައްކަތް ފަށާފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުއެވެ.
މިހާރު މި މަސައްކަތް ކުރިއަށްދަނީ 11 ސައިޓަކަށް ބަހާލައިގެންނެވެ.




