ބޮޑެތި ބަދަލުތަކާއި ލުއިތަކާއެކު ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީތަޢުލީމާއި ތަމްރީނު ހޯދުމަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު މަތީތައުލީމާ ބެހޭ ވުޒާރާއިން މިއަދު ހުޅުވާލައިފިއެވެ.
މި ލޯނު ސްކީމުގެ ދަށުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ފެންވަރު 5 ން ފެށިގެން ފެންވަރު 10 ގެ ނިޔަލަށް ހުރި ޕުރޮގުރާމްތަކަށް ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މިފަހަރުގެ ލޯނު ފުރުސަތުތަކުގެ ތެރޭގައި ޕްރޮފެޝަނަލް ލައިސަންސް ޕުރޮގުރާމުތަކާއި، މެޑިކަލް ސްޕެޝަލައިޒޭޝަނާއި، މެޑިކަލް ދާއިރާގެ ފެލޯޝިޕް ޕުރޮގުރާމުތައް ފުރިހަމަކުރުން ހިމެނެއެވެ. މީގެ އިތުރުން ގައުމީ ތަރައްގީއަށް މީހުން ތަމްރީންކުރުމަށް ބޭނުންވާ ”ނޭޝަނަލް ޓްރޭނިން ނީޑްސް ލިސްޓް“ ގައި ހިމެނޭ ހައިލީ ޓެކްނިކަލް ދާއިރާތަކަށްވެސް އިސްކަންދީފައިވެއެވެ.
މިފަހަރުގެ އެންމެ ބޮޑު އެއް ބަދަލަކީ ލޯނަށް އެދި ހުށަހެޅުމަށް ވަކި ސުންގަޑިއެއް ކަނޑައަޅާފައި ނެތުމެވެ. މަތީތައުލީމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ވަކި މުއްދަތެއްގެ ތެރޭގައި ނޭދެވުމުގެ ސަބަބުން ލޯނު ނުލިބޭ މައްސަލައަށް ހައްލެއް ހޯދައިދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އެހެންކަމުން، ދަރިވަރުންނަށް މުޅި އަހަރު ދުވަހު ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.
އަނެއް މުހިންމު ބަދަލަކީ ކުރީ އަހަރުތަކުގައި އޮންނަ ”އަލަށް ކިޔަވަން ފަށާ ދަރިވަރުން“ އަދި ”އޮންގޮއިން“ކެޓެގަރީތައް އުވާލުމެވެ. މީގެ ސަބަބުން ނުބައި ކެޓަގަރީއަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސަބަބުން ޑިސްކޮލިފައިވުމުގެ ބިރު ކުޑަވެގެންދާނެއެވެ. ނަމަވެސް، އަލަށް ކިޔަވަން ފަށާ ދަރިވަރުން ލޯނަށް އެދޭއިރު، ޕްރޮގުރާމުގެ ޕްލޭސްމަންޓާއި ފީގެ ތަފްސީލް ހުށަހަޅަން ޖެހޭނެއެވެ.
މިއަހަރުގެ ސްކީމުގައި ގިނަ ދާއިރާތަކަކުން ސްލޮޓްގެ އަދަދު ކަނޑަނާޅައި ވަނީ ހުޅުވާލައިފައެވެ. ސްލޮޓް ކަނޑައަޅާފައިވާ ދާއިރާތަކާއި ބާކީ ހުރި ސްލޮޓްތަކުގެ އަދަދު ވުޒާރާގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ބަލާލެވޭނެއެވެ. ލޯނަށް އެދި ހުށަހަޅަން ޖެހޭނީ https://kuri.gov.mv ޕޯޓަލް މެދުވެރިކޮށެވެ.
ލޯނު ދިނުމުގައި ބަލާނެ އިތުރު ޝަރުތުތައް ”ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމުގެ އުސޫލު“ ގައި ބަޔާންކޮށްފައިވާނެ ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.




