ބ. ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލްގެ ޖާގަ ބޮޑުކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.
މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ދަރަވަންދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީންއެވެ.
މި ރަސްމިއްޔާތުގައި ހިތަދޫ ދާއިރާގެ މެމްބަރު މުޙައްމަދު ސިރުހާންއާއި، އައިލެންޑް އޭވިއޭޝަން ސާރވިސަސް ލިމިޓެޑުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގެ ތެރެއިން ދަރަވަންދޫ އެއާޕޯޓު ހިންގުން ރަސްމީކޮށް އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑާ ވަނީ ޙަވާލުކޮށްފައެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޝަމީމެވެ. އަދި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސްއެވެ.
މި މަޝްރޫޢުގެ ދަށުން ޖުމްލަ 814 އަކަމީޓަރުގެ ޖާގައެއް އިމާރާތް ކުރުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި އެރައިވަލް ހޯލް ބޮޑުކުރުމާއި، ޗެކިން އަދި އެރައިވަލް ބެލްޓް އިތުރު ކުރުމުގެ އިތުރުން ޑިޕާޗަރ ހޯލުގައި ކެފޭއަކާއި ޑިޕާޗަރ ގޭޓެއް އިތުރުކުރުން ހިމެނެއެވެ.
އީޕޯޗް އެސޯސިއޭޓްސްއިން ފަރުމާކޮށްފައިވާ މި ޓާމިނަލް ބިނާކުރަނީ ރާއްޖޭގެ ކަނޑުއަޑީގެ ރީތި މަންޒަރުތައް ދައްކުވައިދޭ ޒަމާނީ ފަރުމާއަކަށެވެ.
އާ ޓާމިނަލް ނިމުމުން އެއްފަހަރާ 175 ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެއެވެ. މީގެ އިތުރުން 75 މީހުންގެ ޖާގަ ހިމެނޭ ލައުންޖަކާއި، ’ބޭބީ ކެއަރ‘ ފެސިލިޓީއެއް ވެސް މިތަނުގައި ހުންނާނެއެވެ. މި ބަދަލާއެކު އެއްވަގުތެއްގައި ތިން ބޯޓަށް ޚިދުމަތް ދިނުމުގެ ޤާބިލުކަން އެއާޕޯޓަށް ލިބިގެންދާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.
އައިލެންޑް އޭވިއޭޝަންގެ އެމްޑީ އިބްރާހިމް އިޔާސް ވިދާޅުވީ، ”މިއީ ބ. އަތޮޅާއި ދަރަވަންދޫގެ ތަރައްގީއަށް ފެށުނު ވަރަށް މުހިންމު މަސައްކަތެއް“ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ދަރަވަންދޫ އެއާޕޯޓަކީ މިހާރުވެސް ދުވާލަކު އެވްރެޖްކޮށް 8 ފްލައިޓް އޮޕަރޭޓް ކުރާ ބާރު ބޮޑު އެއާޕޯޓެކެވެ. މިހާތަނަށް 1.8 މިލިއަން ފަސިންޖަރުން މި އެއާޕޯޓުގެ ޚިދުމަތް ހޯދާފައިވެއެވެ.
މި މަޝްރޫޢުގެ ސަބަބުން 10,000 އަށްވުރެ ބޮޑު އާބާދީއެއް އޮތް ބ. އަތޮޅުގެ ފަތުރުވެރިކަމަށް އިތުރު އާރޯކަމެއް ލިބި، ރައްޔިތުންނަށް ދަތުރުފަތުރުގެ ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.




