ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ 70 ރަށެއްގައި 70 ޑޮލަރު އޭޓީއެމް އާއި 20 ރުފިޔާ އޭޓީއެމް ހިމެނޭހެން ޖުމްލަ 90 އޭޓީއެމް އެއް ވަގުތެއްގައި ސިންކްރޮނައިޒްކޮށް ހިދުމަތް ދޭން ފަށައިފިއެވެ.
މިއީ ދުނިޔޭގެ ތާރީޚުގައިވެސް އެއް ވަގުތެއްގައި މިފަދަ ގޮތަކަށް އޭޓީއެމްގެ ހިދުމަތް ފެށި ފުރަތަމަ ފަހަރެވެ.
ބާސެލޯ ނަސަންދުރާގައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޚިދުމަތް އިފްތިތާހްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. މި މަޝްރޫއާއެކު މުޅިން އަލަށް 70 ރަށެއްގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފެށިފައިވާއިރު، މިރޭގެ ނިޔަލަށް ރާއްޖޭގެ 79 ރަށެއްގައި ޖުމްލަ 86 ޑޮލަރު އޭޓީއެމް މެދުވެރިކޮށް ޚިދުމަތް ލިބޭނެއެވެ.
މި މަޝްރޫއަކީ ރައީސް ޑރ. މުއިއްޒު މިދިޔަ އަހަރު ތެރޭގައި އިއުލާން ކުރެއްވި މުހިންމު މަޝްރޫއެކެވެ.
މިރޭ އިފްތިތާހުކުރި 20 ރުފިޔާ އޭޓީއެމް ބަހައްޓާފައި ވަނީ ބޭންކުގެ ބްރާންޗްތައް މިހާރުވެސް ހިންގަމުންދާ ރަށްރަށުގައެވެ.
70 ރަށެއްގައި ބެހެއްޓި ޑޮލަރު އޭޓީއެމްތައް:
– ހއ. އަތޮޅު: 5 ޑޮލަރު އޭޓީއެމް
– ހދ. އަތޮޅު: 5 ޑޮލަރު އޭޓީއެމް
– ށ. އަތޮޅު: 4 ޑޮލަރު އޭޓީއެމް
– ނ. އަތޮޅު: 4 ޑޮލަރު އޭޓީއެމް
– ރ. އަތޮޅު: 6 ޑޮލަރު އޭޓީއެމް
– ބ. އަތޮޅު: 5 ޑޮލަރު އޭޓީއެމް
– ޅ. އަތޮޅު: 3 ޑޮލަރު އޭޓީއެމް
– ކ. އަތޮޅު: 10 ޑޮލަރު އޭޓީއެމް
– އއ. އަތޮޅު: 3 ޑޮލަރު އޭޓީއެމް
– އދ. އަތޮޅު: 6 ޑޮލަރު އޭޓީއެމް
– ވ. އަތޮޅު: 3 ޑޮލަރު އޭޓީއެމް
– ފ. އަތޮޅު: 1 ޑޮލަރު އޭޓީއެމް
– މ. އަތޮޅު: 3 ޑޮލަރު އޭޓީއެމް
– ދ. އަތޮޅު: 1 ޑޮލަރު އޭޓީއެމް
– ތ. އަތޮޅު: 4 ޑޮލަރު އޭޓީއެމް
– ލ. އަތޮޅު: 3 ޑޮލަރު އޭޓީއެމް
– ގއ. އަތޮޅު: 3 ޑޮލަރު އޭޓީއެމް
– ގދ. އަތޮޅު: 3 ޑޮލަރު އޭޓީއެމް
– ޏ. އަތޮޅު: 1 ޑޮލަރު އޭޓީއެމް
– ސ. އަތޮޅު: 5 ޑޮލަރު އޭޓީއެމް
ލމިރޭ އިފްތިތާޙްކުރި ބްރާންޗްތަކުން މާދަމާއިން ފެށިގެން ޚިދުމަތް ލިބޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ. ބޭންކުގެ އަމާޒަކީ ކަސްޓަމަރުންނާ ވީހާވެސް ގާތުން، ކަސްޓަމަރުން ތިބި ތަނަކުން ޚިދުމަތް ފޯރުކޮށްދިނުމެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބޭންކުގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވީ، ހުރިހާ ކަމެއް ޑިޖިޓަލްވެގެން ދާ ޒަމާނެއްގައި، ކަސްޓަމަރުންނާ އޮންނަ ގާތްގުޅުން ދުރުވެގެން ދިއުމަކީ ބޭންކުން އެއްވެސް ވަރަކަށް ބޭނުންވާ ކަމެއްނޫންކަމަށެވެ.
އެހެންކަމުން މި ބްރާންޗްތަކުގެ މުވައްޒަފުންނަކީ އަބަދު ބްރާންޗުތަކުގައި ތިބޭނެ ބައެއްގެ ބަދަލުގައި، ކަސްޓަމަރުންނާ ގާތުން މަސައްކަތްކުރާނެ ބައެއް ކަމަށް ސީއީއޯ ފާހަގަކުރެއްވިއެވެ.
މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު، 2025 ވަނަ އަހަރު މުޅި އޭޓީއެމް ނެޓްވާރކަށް 17.1 ބިލިއަން ރުފިޔާ ޖަމާކޮށްފައިވެއެވެ. އޭޓީއެމްތައް މެދުވެރިކޮށް 8.4 މިލިއަން ރުފިޔާގެ މުއާމަލާތް ކޮށްފައިވެއެވެ.
ސަރުކާރުގެ އަމާޒަކީ، ރާއްޖެ ތަރައްޤީ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން 7 އަރބަން ސެންޓަރާއި، ސިޓީތަކުގެ އިތުރުން ލޯކަލް ޓުއަރިޒަމް ފުޅާވެފައިވާ ރަށްރަށުގައި ޑޮލަރު އޭޓީއެމްތައް ބެހެއްޓުމެވެ.
”މުޅި ރާއްޖޭގައި އޭޓީއެމް“ ބެހެއްޓުމުގެ މަޝްރޫޢުގެ ދަށުން ސަރުކާރުން ވަނީ، މީހުން ދިރިއުޅޭ ރަށްތަކުގައި އޭޓީއެމްތައް ބަހައްޓާފައެެވެ. މިމަސައްކަތް ބޭންކް އޮފް މޯލްޑިވްސްއިން ނިންމާފައިވަނީ، 9 މަސް ދުވަހުގެ ތެރޭގައެވެ. މިއާއެކު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށްވެސް އަސާސީ ބޭންކިންގ ޚިދުމަތް ލިބިގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
2023 ވަނަ އަހަރުގެ ނިޔަލަށް އޭޓީއެމް ބަހައްޓާފައިވަނީ، 73 ރަށުގައި 138 އޭޓީއެމްއެވެ. ނަމަވެސް މިއަހަރުގެ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހާ ހަމައަށް 187 ރަށުގައި 340 އޭޓީއެމް ބަހައްޓާފައިވެއެވެ.




