ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ކުރިއަށް އޮތް ތަނުގައި ބިންވެރިކަމާއި ބޯހިޔާވަހިކަމުގެ ހިތްފަސޭހަ އާ ޒަމާނެއް ކޮންމެ ރައްޔިތަކަށް ކަށަވަރުވާނެ ކަމަށް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލް ވިދާޅުވެއްޖެއެވެ.
މޫސާ ޖަލީލު މިހެން ވިދާޅުވީ މިރޭ ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
މާލެ ސަރަހައްދު ތަރައްގީކުރުމުގެ ބޮޑު މާސްޓާ ޕްލޭނެއްގެ ދަށުން ރަސްމާލެ ހިމެނޭހެން ބިން ހިއްކުމާއި އުމްރާނީ ތަރައްގީގެ ބޮޑެތި މަސައްކަތްތަކެއް ކުރިއަށްދާކަން މޫސާ ޖަލީލް ފާހަގަކުރެއްވިއެވެ.
މޫސާ ޖަލީލްގެ ވާހަކައިގައި، ރައީސް މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވި އިރު އެކުލަވައިލެއްވި ސްޓްރެޓީޖިކް ޕްލޭން މިހާރުގެ މޭޔަރު އާދަމް އާޒިމް ތަންފީޒު ނުކުރައްވާތީ އެކަމާ ސުވާލު އުފެއްދެވިއެވެ. އަދި ބޯހިޔާވަހިކަމަކީ ރައްޔިތުންގެ އެންމެ އަސާސީ ހައްގު ކަމަށާއި، ކުދި ބިންކޮޅުތަކުގައި އުޅޭ ރައްޔިތުންނަށް ފުލެޓު ނުވަތަ ގޯތި މެދުވެރިކޮށް ތަނަވަސް ގޮތްތަކެއް ހޯދައިދިނުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ކައުންސިލުން ފުރިހަމަ އެއްބާރުލުން ދޭންޖެހޭނެ ކަމަށް ވިދާޅުވިއެވެ.
މާލޭގެ މަގުތަކުގެ މައްސަލަތަކާއި ޕާކިންގެ ދަތިތަކަށް ހައްލު ހޯދައިދިނުމަކީ އޭނާގެ މޭޔަރުކަމުގައި ހާއްސަ އިސްކަމެއް ދެއްވާނެ ކަމެއް ކަމަށް މޫސާ ޖަލީލް ވިދާޅުވިއެވެ. މިގޮތުން މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް ސަރުކާރާ ގުޅިގެން ފުރަތަމަ ހަފްތާއިން ފެށިގެން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
މޫސާ ޖަލީލް އިތުރަށް ވިދާޅުވީ އޭނާއަކީ ނަތީޖާ ނެރެދޭނެ، އުސޫލުތައް ދަމަހައްޓާނެ އިހްލާސްތެރިއެއް ކަމަށެވެ.
އަދި މާލޭގެ ރައްޔިތުންގެ ވޭންތައް ދަނެގެން، ސަރުކާރާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ވަރުގަދަކޮށް، ހިދުމަތްތައް ފޯރުކޮށްދިނުމުގައި އިސްވެ ހަރަކާތްތެރިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.




