މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ އޮޓޮޕްސީ ހެދުމަށް ފުލުހުން ނިންމައިފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ފާށަނާކިލެގެފާނު މަގުގައި ހުރި ގެއެއްގެ ތެރޭގައި ފިރިހެނަކު ނިޔާވެފައި އޮތް ކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދުގެ މެންދުރު ފަހު 13:10 އެހައިކަންހާއިރުއެވެ.
ނިޔާވި މީހާގެ ހަށިގަނޑު ބޭރުފުށުން ބެލިބެލުމުން، އެހެން ފަރާތަކުން ދީފައިވާ އަނިޔާއެއްގެ ނިޝާނެއް ފެންނާކަށް ނެތް ކަމަށް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް، ހަށިގަނޑު އޮތް ހާލަތަށާއި، މަރުވިތާ ގިނަ ވަގުތުތަކެއް ވެފައިވުމުގެ އިތުރުން، މި ހާދިސާ ހިނގާފައިވާ ތަނާ ގުޅޭގޮތުން ލިބިފައިވާ މައުލޫމާތަށް ރިއާޔަތްކުރާއިރު، ފޮރެންސިކް ތަހުލީލުތަކެއް ކުރަންޖެހޭ ކަމަށް ތަހުގީގަށް ގަބޫލުކުރެވޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ، މަރުގެ ސީދާ ސަބަބު ދެނެގަތުމަށްޓަކައި އޮޓޯޕްސީ ހެދުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުން ކަމަށެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެ މީހާ މަރުވެފައި އޮއްވައި ފެނުނީ މަސްތުވަތަކެތީގެ ކެފޭއެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ގެއެއްގެ ތެރެއިންނެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.




