ދުނިޔޭގެ އޯޓިޒަމް ހޭލުންތެރިކުރުމުގެ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު މިއަދު ވަނީ އޯޓިސްޓިކް މީހުންނަށް ކުރިމަތިވާ ހުރަސްތައް ނައްތާލުމަށް ބާރުއަޅުއްވައި މުހިންމު މެސެޖެއް ދެއްވާފައެވެ.
އެކްސް މެދުވެރިކުރައްވައި މެޑަމް ސާޖިދާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޯޓިޒަމް ހޭލުންތެރިކުރުމުގެ ދުވަހު އަޅުގަނޑުމެން ބާރުއަޅަންޖެހޭނީ އޯޓިޒަމް ހުންނަ ފަރާތްތަކުގެ ދިރިއުޅުމުގެ ތަބީއީ ކަރާމާތާއި، އެއްވެސް ޝަރުތެއް ނެތި އެމީހުންގެ އަގުވަޒަންކުރުމުގެ މައްޗަށް ކަމަށެވެ. އަދި އެއީ މުޖުތަމައުގައި މުހިންމު ބައެއްގެ ގޮތުގައި ބަލައިގަންނަން ޖެހޭ ބައެއް ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
”އަޅުގަނޑުމެން މިއަދު ހަމައެކަނި ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން، ނިއުރޯޑައިވާސިޓީ ބަލައިގަތުމަކީ ވެސް ކޮންމެހެން ކުރަންޖެހޭ ކަމެއް. މީގެ އިތުރުން، ސަރުކާރުގެ ސިޔާސަތުތަކުން އެކަން ދައްކުވައިދީ، އެންމެން ހިމެނޭ ފަދަ (އިންކްލޫސިވް) މުޖުތަމައެއް ކަށަވަރުކުރުމަކީ ދެމެހެއްޓެނިވި ތަރައްގީގެ އަސާސެއް“ އެކަމަނާ ވިދާޅުވިއެވެ.
މެޑަމް ސާޖިދާގެ ޕޯސްޓުގައި އިތުރަށް ބަޔާންކުރައްވާފައިވަނީ، މުޖުތަމައެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ކާމިޔާބީ ހާސިލުކުރެވޭނީ އޯޓިސްޓިކް މީހުންނަށް ކުރިމަތިވާ ހުރަސްތައް ނައްތާލައިގެން ކަމަށެވެ.
ވަކިން ހާއްސަކޮށް ފެންވަރު ރަނގަޅު ތައުލީމާއި، ސިއްހީ ފަރުވާ ހޯދުމުގައި ހުރި ދަތިތައް ނައްތާލަންޖެހޭ ކަމަށް ފަސްޓްލޭޑީ ވިދާޅުވިއެވެ.



