ބޮޑުތަކުރުފާނުމަގު ހެންވޭރު ފެރީ ޓަރމިނަލްއާއި ހަމައިން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް އޮތް ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތް ޖޫން މަހުގެ ނިޔަލަށް ނިންމުމަށް އަމާޒުކޮށްފައިވާކަމަށް ހައުސިންގް އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވަނީ، ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް މިއަދު އެ ސަރަޙައްދަށް ޒިރާރަތްކުރައްވާފައެވެ. މި ޒިޔާރަތުގައި މިނިސްޓަރ މުއްޠަލިބް އާއި މި މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީގެ ސީއީއޯ އަޙްމަދު ސަޢުދީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެގޮތުން ފޭސް1 ގެ ތެރެއިން މިވަގުތު މަސައްކަތް ކުރިއަށްދަނީ ހެންވޭރު ފެރީ ޓަރމިނަލްއިން ފެށިގެން މަސްވެރިންގެ ޕާކާއި ހަމައަށް އޮތް ސަރަޙައްދެވެ.
މަސައްކަތް ކުރިއަށްދާގޮތާއި ގުޅޭގޮތުން ތަފްސީލް ޙިއްސާކުރައްވަމުން މިނިސްޓަރ މުއްޠަލިބް ވިދާޅުވީ، އެ ސަރަޙައްދުގެ އެއްގަމު ތޮށި 6 މީޓަރު ބޭރަށް ޖައްސާ މަގު ފުޅާކުރާކަމަށެވެ. މަގުގެ އެއްގަމު ތޮށީގެ މަސައްކަތާއި ޔުޓިލިޓީ ވިއުގައިގެ މަސައްކަތް ދަނީ ކުރިއަށެވެ.
”ހެންވޭރު ޓަރމިނަލްއިން ފަށައިގެން، މަސްވެރިންގެ ޕާކާއި ހަމައަށް މި ސަރަޙައްދުގެ މަސައްކަތް 1 މަސްތެރޭގައި ނިންމުން އަމާޒަކީ. އަދި އިއްޒުއްދީން ފާލަމާހަމައަށް 3 މަސްތެރޭ ޖޫން ގެ ނިޔަލަށް ނިންމުން.“ މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން ކޮންސްޓްރަކްޝަން މިނިސްޓަރު ވިދާޅުވީ ސިޓީ ގަރޑަން ކުރިމަތިން އޮންނަ ސަރަޙައްދުން މަގު ފުޅާކުރަން ބޭރަށް ޖައްސާ ސަރަޙައްދުގައި 500 ސައިކަލުގެ ޖާގައިގެ ޕާކިން ޒޯނެއްވެސް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި އުޅަނދުތަކަށް ކައިރިކުރެވޭގޮތަށް ވަށައިގެން ކީވޯލް ޖަހާނެކަމަށެވެ.




