މާލޭ އުސްފަސްގަނޑުގައި ތަރައްގީކުރި ސްކޭޓް ޕާކް އެރީނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހުޅުއްވައިދެއްވައިފިއެވެ.
ސްކޭޓް ޕާކް އެރީނާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށް ރައީސް އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އުސްފަސްގަނޑު ސަރަހައްދަށް ވަޑައިގަތުމުން މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަބުދުﷲ ރާފިޢުއެވެ.
ސްކޭޓް ޕާކް ހުޅުވުމަށްފަހު ތިން އުމުރު ފުރައެއްގެ ކުދިން ވަނީ އެކުދިންގެ ސްކޭޓް ކުރުމުގެ ހުނަރު ދައްކާލާފައެވެ. މި ރަސްމިއްޔާތުގައި ރައީސް މުޢިއްޒުގެ ދެކަނބަލުން އެ ކުދިންނާއެކު ގްރޫޕް ފޮޓޯއެއް ނަންގަވައި ސްކޭޓް ޕާކް ބައްލަވާލެއްވިއެވެ.
ދާއިމީ ސްކޭޓިންގ އެރީނާއެއް ތަރައްގީ ކުރުމަކީ ކުޅިވަރާއި އިޖުތިމާޢީ ގޮތުން ގިނަ މަންފާތަކެއް ލިބޭނެ އަދި ޒުވާނުންގެ ކުރިއެރުމާއި މުޖުތަމަޢުގެ ދުޅަހެޔޮކަމަށް ކުރެވުނު މުހިންމު މަސައްކަތެކެވެ.



