ވޯޓުލުން މިއަދު ކުރިއަށް ދާތީ، އާންމު ރައްޔިތުންނަށް ފަސޭހަކަމާ އެކު ވޯޓުލާ މަރުކަޒުތަކަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުންނާއި މަގުތަކުގެ ތޮށްޖެހުން ކުޑަކުރުމުގެ މަގްސަދުގައި ބަރު ވެހިކަލްތައް ދުއްވުން މަނާކޮށްފައި ވަނިކޮށް ވެސް، މާލޭގައި ވެހިކަލްތަކެއް ދުއްވައިފިއެވެ.
މިކަމުގެ ސަބަބުން ވޯޓުލާން އެއްގަމު އުޅަނދުތަކުގައި މަރުކަޒުތަކަށް ދަތުރުކުރި އެތައް ބަޔަކަށް ތަކުލީފުތަކަކާ ކުރިމަތިވިކަން ވަނީ ހާމަވެފައެވެ.
”ސައުވީސް“ އަށް މައުލޫމާތު ދެމުން އޭގެތެރެއިން އެކަކު ބުނީ، ބަރު ވެހިކަލްތައް ދުއްވާތީ، ވޯޓުލާން މަރުކަޒާ ހަމައަށް ނުދެވިގެން މަގުމަތީގައި ގާތްގަނޑަކަށް 20 މިނެޓު ތާށިވެފައި ހުންނަން ޖެހުނު ކަމަށެވެ. އަދި މިދުވަސްވަރަކީ ރާއްޖެއަށް އިންތިހާއަށް ހޫނުގަދަ ދުވަސްވަރަކަށްވާއިރު، މިފަދައިން ގިނައިރު މަޑުކޮށްގެން ހުންނަން ޖެހުމަކީ ބޮޑު ތަކުލީފެއް ކަމުގައިވެސް އޭނާ ބުންޏެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން މިދިޔަ ބުދަ ދުވަހު ބުނީ، ވޯޓުލުން ފެށޭ ވަގުތުން ފެށިގެން ވޯޓު ފޮށިތައް ބަންދުކޮށް ނިމެންދެން، މުދާ އުފުލާ ބޮޑެތި ލޮރީތަކާއި ކޮންސްޓްރަކްޝަން ސައިޓުތަކުގައި ބޭނުންކުރާ ބަރު އާލާތްތައް އަދި އެކްސްކަވޭޓަރު ފަދަ އުޅަނދުފަހަރު މަގުމައްޗަށް ނެރުމަކީ މަނާކަމެއް ކަމަށެވެ.
މީގެ މައިގަނޑު ބޭނުމަކީ ވޯޓުލުމަށް ނުކުންނަ އާންމުންނަށާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ރައްކާތެރި އަދި އަމާން މާހައުލެއް ގާއިމުކޮށްދިނުން ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
އެހެންނަމަވެސް، ހާއްސަ ހުއްދައެއްގެ ދަށުން ދުއްވާ އުޅަނދުތަކާއި އެމަޖެންސީ ހާލަތްތަކުގައި ހަރަކާތްތެރިވާ އުޅަނދުތަކަށް މި ގަވާއިދުން އިސްތިސްނާ ލިބޭނެކަމަށް އިދާރާތަކުން ބަޔާންކޮށްފައިވެއެވެ. މި އެންގުމާ ހިލާފުވާ ފަރާތްތަކާމެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ވެސް ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ ދީފައެވެ.
މިކަމާ ބެހޭގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.



