މިއަދު ކުރިއަށްދިޔަ ވާދަވެރި 3 އިންތިހާބަށް ވޯޓުލުމުގެ ކިޔޫތައް، ހަވީރު 5 ޖެހުމާއެކު ބަންދު ކޮށްފިއެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އަދި ރިފެރަމްޑަމް ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 8:00 ގައެވެ. އަދި ހަވީރު 4:00 އާ ހަމައަށް ވޯޓުލުން ކުރިއަށްދާ ގޮތަށް ކުރިން އޮތްނަމަވެސް، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފަހުން ވަނީ އެ ވަގުތު އިތުރުކޮށްފައެވެ.
ވާދަވެރި 3 އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދާއިރު، ވޯޓުލުމުގެ ހައްގު ލިބިފައިވާ 294،876 މީހުންގެ ތެރެއިން ހަވީރު 4 ޖެހުމާ ހަމައަށް ވޯޓުލާފައިވަނީ 185،709 މީހުންނެވެ. އެއީ 62.98 އިންސައްތައެވެ.
މުޅި ރާއްޖޭގައި ކުރިއަށްގެންދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ޖުމްލަ 2،961 ކެންޑިޑޭޓުން ވާދަކުރެއެވެ.
އޭގެ ތެރެއިން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ވެރިކަންކުރާ ޕީއެންސީންނެވެ. އެއީ 1،322 ކެންޑިޑޭޓުންނެވެ. ދެވަނައަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރުނު އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންގެ އަދަދަކީ 905 އެވެ. އެމްޑީއޭ އިން 57، ޖުމްހޫރީ ޕާޓީން 15، އަދާލަތު ޕާޓީން ނުވައެއް އަދި ދަ ޑިމޮކްރެޓްސް އިން އަށް ކެންޑިޑޭޓުން ވާދަކުރެއެވެ.
އަމިއްލަ ގޮތުން އެ ދެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ އަދަދަކީ 645 އެވެ.



